ސަރކިއުލަރ / ޝަރުޢީ ކޯޓުތަކާއި އެކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މުސްތަޤިއްލުކަން ރައްކާތެރިކުރުން

ޝަރުޢީ ކޯޓުތަކާއި އެކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މުސްތަޤިއްލުކަން ރައްކާތެރިކުރުން

28/01/2009

އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރެއްގެ މަސައްކަތާއިބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ އެމާއްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާއިދުތަކުގެ ޛަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މިއާޚިލާފަށް ކޯޓުތަކާއި ފަނޑިޔާރުންގެ މަސައްކަތާބެހި ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އެފަރާތްތަކުގެ މަޞްލަޙަތާއެއްގޮތަށް ލަސްކުރުމަށާއި އަވަސްކުރުމަށް ސަރުކާރުގެ ބައެއް ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން އަންގަމުންދާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
ވީމާ އެއްވެސް ފަރާތަކުން ކޯޓުތަކާއި ފަނޑިޔާރުންގެ މަސައްކަތާބެހި ނުހެދުމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުފޯރުވުމަށް ދަންނަވަމެވެ. އަދި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށްދީ، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، ހަރުދަނާގޮތެއްގައި ކޯޓުތަކުގެ މަސައްކަތްކުރެވޭނެ ގޮތުގެ މަތިން ކޯޓުތަކަށް އެހީތެރިވެދެއްވުމަށް މިކޮމިޝަނުން ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ހިމަނާފައިވާ ލިޔުންތައް

234_20210825.pdf