ސަރކިއުލަރ / ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް

17/03/2020

 

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން 2020 މާރިޗު 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވީ ހިނދު، ފަނޑިޔާރުންނަށް ސަލާމަތްތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ގޮތް ހެދުމާއެކު  ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން މިކޮމިޝަނުން ތިރީގައިމިވާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. 

 

1.      ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާ އެއްގޮތަށް، ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ އައިސޮލޭޝަން ނުވަތަ ކޮރެންޓީން ކުރެވިއްޖެނަމަ، އެފަނޑިޔާރަކު އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ. މިފަދައިން އަންގާނީ މިކޮމިޝަންގެ 7821400 ނަންބަރަށް ޓެކްސްޓް މެސެޖަކުންނެވެ. މި ޓެކްސްޓް މެސެޖުގައި ފަނޑިޔާރުގެ ނަން، އައިޑީ ކާޑު ނަންބަރު އަދި ކޯޓު ބަޔާން ކުރަންވާނެއެވެ. ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ އައިސޮލޭޝަން ނުވަތަ ކޮރެންޓީންގައި ހުންނަވާ މުއްދަތުގައި ކޯޓަށް ހާޒިރުނުވެވޭ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނެއެވެ. 

 

2.      ކޮވިޑް-19 އާ ގުޅިގެން އޮރެންޖް އެލަރޓް އިއުލާން ކުރެވޭ ސަރަޙައްދެއްގެ ކޯޓުގައި ތިއްބެވި، އުމުރުން 55 އަހަރުން މަތީ ފަނޑިޔާރުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ހިތުގެ، ފުއްޕާމޭގެ، ކެންސަރު، ހަކުރު ބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވާ ފަނޑިޔާރުންނާއި މާބަނޑު ފަނޑިޔާރުން ގޭގައި މަސައްކަތް ކުރައްވަން ބޭނުންފުޅުނަމަ، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގުމުން، މިކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން އެއިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ. އަދި މި ގޮތަށް މަސައްކަތް ކުރައްވާ ފަނޑިޔާރުން މިގޮތަށް މަސައްކަތް ކުރާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތް ކުރާދުވަސްތަކެއްގެ ގޮތުގައި ބެލޭނެއެވެ.   

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނެރޭ އެލާރޓް ލެވެލްތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/02/SC (17 މާރިޗް 2020)  ނަންބަރު ސަރކިއުލާއިން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.  

މި ސަރކިއުލަރގެ މުއްދަތަކީ މިއަދުން ފެށިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައުމާ ހަމައަށެވެ. 

ހިމަނާފައިވާ ލިޔުންތައް

157_20210823.pdf