ޚަބަރު / ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރުން

20/04/2026

ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްފަނޑިޔާރަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)195-C/195/2026/12 (31 މާރިޗް 2026) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އިސްފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ޢައްޔަންކުރުމަށާއި ފެމެލީ ކޯޓަށް އިސްޤާޟީއަކު ހޯދުމަށް ކުރެވުނު ނަންބަރު 195-C/195/2026/13 (IUL) (31 މާރިޗް 2026) އިޢުލާނުގެ ދަށުން ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ޢައްޔަންކުރުމަށް 20 އެޕްރީލް 2026 ވީ ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2026/008 ވަނަ ޖަލްސާގައި ނިންމައިފިއެވެ. 

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2025 އޯގަސްޓް 03 ވަނަ ދުވަހުއެވެ.

އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެފައިވަނީ 2016 މާރިޗު 24 ވަނަ ދުވަހުއެވެ.

20 އެޕްރީލް 2026

 

ހިމަނާފައިވާ ލިޔުންތައް

2026-04-20_PR_HC & FmC Chief Judges Profile 01.pdf