ޚަބަރު / މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

21/10/2026

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން 2026 އޮގަސްޓް 03 ގައި ކޮށްފައިވާ ނަންބަރު  (IUL)195-C/2026/37 އިޢުލާނުގެ ދަށުން ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ފަރާތެއް ޢައްޔަންކުރުމަށް 12 އޮކްޓޫބަރު 2026 ވީ ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2026/031 ވަނަ ޖަލްސާގައި ނިންމައި، މަޤާމުގެ ހުވައި މިއަދު ކުރައްވައިފިއެވެ. 

އެގޮތުން، ފަނޑިޔާރުކަމުގެ ހުވައި ކުރައްވާފައިވާ 03 ބޭފުޅުންނަކީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހއ.ހޯރަފުށީ ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ.ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ.އޭދަފުށީ ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް، އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޏ.ފުވައްމުލަކު މާދަޑު.ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާއެވެ.

މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުއެވެ. 

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު ފަތުޙުﷲ ޢަލީ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރައްވާފައެވެ. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރ ލީގަލްގެ މަޤާމުގައެވެ. 

ޝަރުޢީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛާ ދިޔާނާ މަޖީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ. މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛާ ދިޔާނާ މަޖީދު ވަނީ އޮއިލްބިޒް ޕްރައިވެޓް ލިމިޓެޑްގެ ލީގަލް ކައުންސިލްގެ މަޤާމާއި ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ. 

އަލްއުސްތާޛު ޙުސައިން ރަމީޒް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯ އަދި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛު ޙުސައިން ރަމީޒް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނުއިރު ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި މިނިސްޓްރީ އޮފް ހެލްތްގެ ލީގަލް އޮފިސަރގެ މަޤާމް ފުރުއްވާފައެވެ. 

ޝަރުޢީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ ޙާސިލްކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ޢާޞިރާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނުއިރު ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ. އޭގެ ކުރިން ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރގެ މަޤާމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރ އިންވެސްޓިގޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. 

 

21 އޮކްޓޫބަރު 2026 

ހިމަނާފައިވާ ލިޔުންތައް

2026-10-21_PR_MC Magistrates Profile_NA_0581.pdf