ޚަބަރު / ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ޚާއްސަކޮށްގެން "ފަހިރެސް ޕޯޓަލް" ތައާރަފް ކުރުން

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ޚާއްސަކޮށްގެން "ފަހިރެސް ޕޯޓަލް" ތައާރަފް ކުރުން

09/11/2022

ފަނޑިޔާރުކަމަށް ކުރިމަތި ލައްވާ ފަރާތްތަކަށް އެއް ނިޒާމެއްގެ ތެރެއިން ހަލުއިކަމާއެކު އެކަން ކުރެވޭނެ ގޮތަށް "ފަހިރެސް ޕޯޓަލް" ނަމުގައި މަޤާމަށް ކުރިމަތިލުމަށް ޕޯޓަލްއެއް ކޮމިޝަނުން ތަޢާރަފްކޮށްފިއެވެ. 

މި ޕޯޓަލްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އައިޑީކާޑް ކޮޕީ، ފޮޓޯ، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތައް އަދި ތަޖުރިބާއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބޭނުންކޮށްގެން އަމިއްލަ ޕްރޮފައިލްއެއް ތައްޔާރުކޮށްލެވޭނެއެވެ. އަދި މި ޕްރޮފައިލް ބޭނުން ކުރައްވައިގެން ކޮމިޝަނުން ފަނޑިޔާރުން ހޯދުމަށް ކުރާ އިޢުލާންތަކާއި، ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެއްފަހަރު ތައްޔާރުކުރައްވާފައިވާ ޕްރޮފައިލް ކުރިއަށް އޮތްތަނުގައި އަދާހަމަކޮށް ކޮމިޝަނުން އިޢުލާންކުރާ ވަޒީފާތަކަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް އެންމެ ކްލިކްއަކުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ. 

ހަމަމިއާއެކު، ވަޒީފާއާ ގުޅޭ އެންމެހައި އަޕްޑޭޓްތައް މި ޕޯޓަލް މެދުވެރިކޮށް ބައްލަވާލެއްވޭނެއެވެ. އެގޮތުން ކޮންމެ އިޢުލާނަކާ ގުޅިގެން، މިހާރު އެ އިޢުލާންގެ ނުވަތަ އެޕްލިކޭޝަންގެ ސްޓޭޓަސްއަކީ ކޮބައިކަން މި ޕޯޓަލްގެ ތެރެއިން ފެނިގެންދާނެއެވެ. އަދި އާއްމުންނަށްވެސް މި އިއުލާނާ ގުޅިގެން މަސައްކަތް ގޮސްފައިވާ ހިސާބާއި ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓްތައް މި ޕޯޓަލްގެ ތެރެއިން ފެނިގެންދާނެއެވެ.

މިޕޯޓަލް (https://apply.jsc.gov.mv) ނޮވެންބަރު 08 ވަނަ ދުވަހުން ފެށިގެން އާއްމުކުރެވި ޕްރޮފައިލްތައް ހެދުމުގެ ފުރުސަތު ހުޅުވިފައިވާކަމުގައިވެސް ފާހަގަކުރަމެވެ.  

ހިމަނާފައިވާ ލިޔުންތައް

2022-11-07_PR_FAHIRES Portal (1).pdf