ޚަބަރު / މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

22/02/2024

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (ILU)195-C/195/2023/53
(10 ޑިސެންބަރު 2023) އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން 07 ފަރާތެއް ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2024 ފެބްރުއަރީ 21 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަންގެ 14 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. 

ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު ހުށަހަޅާފައިވާ ރިޕޯޓުގައިވާ ފަރާތްތަކުގެ ތެރެއިން، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ނ.ކުޑަފަރި، ކުރެއިމާ، އަލްއުސްތާޛު އަބާން ޢަބްދުﷲއެވެ. އަލްއުސްތާޛު އަބާން ޢަބްދުﷲއަކީ އިސްލާމިކް ޔުނިވާރސިޓީ އޮފް އަލް-މަދީނާއިން ބެޗްލަރ އޮފް ޝަރިޢާ އިސްލާމިކް ލޯ ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ (ސްޕެޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު އަލްއުސްތާޛު އަބާން ޢަބްދުﷲ ހުންނެވީ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ. 

ރ.އުނގޫފާރު، ވީލްޑެން، އަލްއުސްތާޛު ރިމާޙު މުޙައްމަދު ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށްވަނީ ނިންމާފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދާ ކުރައްވަމުންދާއިރު ޝަރުޢީ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ އަލްއުސްތާޛު ރިމާޙު މުޙައްމަދަށްވަނީ ލިބިފައެވެ. 

ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު ޅ.ނައިފަރު، އަތަ، އަލްއުސްތާޛާ އުސްރަތު މުޙައްމަދުވަނީ ޝަރުޢީ ދާއިރާގައި 7 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އަދި އަލްއުސްތާޛާ އުސްރަތު މުޙައްމަދުވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ލޯ ޙާސިލްކުރައްވާފައެވެ. އަލްއުސްތާޛާ އުސްރަތު މުޙައްމަދު އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަނުކުރެވުނު އިރު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ.

ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ކ.މާލެ، ދަފްތަރު ނަންބަރު ރސ 14060، އަލްއުސްތާޛު މަނާފް އިބްރާހީމް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރަށްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ލީގަލް އޮފިސަރ މަޤާމާއި ބޭންކް އޮފް މޯލްޑިވްސްގެ އެންފޯސްމަންޓް މެނޭޖަރ އަދި ސީނިއަރ ލިޓިގޭޝަން ކައުންސެލްގެ މަޤާމް އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި 9 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އަލްއުސްތާޛު މަނާފް އިބްރާހީމަށް ލިބިލައްވާފައިވެއެވެ.

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ ފ.ނިލަންދޫ، އުނިމާގެ، އަލްއުސްތާޛު މޫސާ އިސްމާޢީލްއެވެ. އަލްއުސްތާޛު މޫސާ އިސްމާޢީލްވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (ވިތް އޮނަރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 8 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު މެޖިސްޓްރޭޓްކަމަށް ކުރިމަތިލެއްވިއިރު ހުންނެވީ ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ.

ސ.ހިތަދޫ، ދުބުހިމާގެ، އަލްއުސްތާޛާ ނަހުޝާ ރަޝީދު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިލައްވާފައިވާ އަލްއުސްތާޛާ ނަހުޝާ ރަޝީދު  ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އިރު ހުންނެވީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ. 

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ ފ.ބިލެތްދޫ، ބަސީރީހިޔާ، އަލްއުސްތާޛު ޖައިލަމް ތައުފީޤްއެވެ. އަލްއުސްތާޛު ޖައިލަމް ތަޢުފީޤްވަނީ ދިވެހިރާއްޖެގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް އަދި މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާސިލްކުރައްވާފައެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއަރ ލީގަލް އޮފިސަރގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޖައިލަމް ތަޢުފީޤް ވަނީ ޝަރުޢީ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2024-02-22_PR_Judges _AY 1 (2).pdf