ޚަބަރު / ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކޮމެޓީއެއް އެކުލަވާލައިފި

ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކޮމެޓީއެއް އެކުލަވާލައިފި

27/03/2011

27 މާޗް 2011 ވަނަ ދުވަހު ބޭއްވު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިފިއެވެ. އެގޮތުން އެކުލަވާލެވުނު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ:

1. ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ދީދީ
2. ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން
3. ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙްމަދު ރަޝީދު


މީގެ އިތުރުން ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ސިވިލްކޯޓު ވަގުތީގޮތުން ހިންގެވުން އެކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަށް ހަވާލުކުރުމާއި، ޖުވެނައިލްކޯޓު ވަގުތީގޮތުން ހިންގެވުން، އެކޯޓުގައި މިވަގުތު ހުންނެވި ހަމައެކަނި ޤާޟީ، އައްޝައިޚް މުޙައްމަދު ނާޢިމާ ހަވާލުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ޖުވެނައިލްކޯޓު ހިންގެވުމަށް ޤާޟީ އައްޝައިޚް މުޙައްމަދު ނާޢިމާ ހަވާލުރެއްވީ ޖުވެނައިލް ކޯޓުގެ އިސްޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ހައިކޯޓަށް ޢައްޔަން ކުރުމާ ގުޅިގެން، އެމަޤާމު ހުސްވެފައިވުމާއި، އެކޯޓުގައި ދެންހުންނެވި  ޤާޟީ އަލްފާޟިލް އަޙްމަދު ޝަކީލް މިވަގުތު، ކޯހަކަށް ވީއްލާފައިވުމުން އެކޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުމަށް ޓަކައެވެ.

އަދި ހަމައެއާއެކު މިއަދުގެ ޖަލްސާގައި ކޯޓުތަކުގެ އިސްޤާޟީންގެ މަޤާމު ވަގުތީގޮތުން ނުވަތަ އެނޫން ޙާލަތެއްގައިވެސް ހުސްވެއްޖެނަމަ، ކޯޓުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޝަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކޯޓު، ވަގުތީގޮތުން ހިންގާނެ ބޭފުޅަކު ހަމަޖެއްސުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް އަބްދުއްރަޙްމާނާ ހަވާލުރެއްވިއެވެ.