ޚަބަރު / ނޫސް ބަޔާން

ނޫސް ބަޔާން

30/08/2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި މި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އިސްވެދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު އާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނެވެ. އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރެއްވިއެވެ.

މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން މިހާރުވާނީ އެދިފައެވެ. މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ވަނީ ރުހުންދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިކޮމިޝަންއިން ދަނީ ބަލަމުންނެވެ.

ހިމަނާފައިވާ ލިޔުންތައް

257_20210831.pdf