ޚަބަރު / ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

08/06/2023

ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށާއި، މެޖިސްޓްރޭޓް ކޯޓަށް 03 ފަނޑިޔާރަކު ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ 03 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި މިއަދު ކުރައްވައިފިއެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ކްރިމިނަލް ކޯޓަށް އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ޢައިޝަތު ޝިހާބަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. 

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ގދ.ގައްދޫ، ހަނދުވަރީނާޒް، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 24 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 35 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛު މުޙައްމަދު ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒްވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރިއިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމްގައެވެ.

ކްރިމިނަލް ކޯޓު

ކްރިމިނަލްކޯޓަށް ފަނޑިޔާރުކަމަށް މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް، ޢާއިޝަތު ނުޒުހާ ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 14 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ ޢާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. 

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް މުސްތަރީގެ، ގއ.ވިލިނގިލި، ޢައިޝަތު ޝިހާބް ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 ޖޫން 04 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛާ ޢައިޝަތު ޝިހާބްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވައިފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ ޢައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ. 

ހިމަނާފައިވާ ލިޔުންތައް

2023-06-08_PR_CriminalHighMagistrate.pdf