ޚަބަރު / 05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން

05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން

15/05/2023

މިކޮމިޝަނުން 05 ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކުރި އިޢުލާނުތަކުގެ ދަށުން މިމަޤާމްތަކަށް ކުރިމަތިލީ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު، 04 ޖުޑީޝަލް ދާއިރާއަކަށް 04 ބޭފުޅަކު ހަމަޖެއްސުމަށް 03 މޭ 2023 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 31 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާ، އަދި 01 ޖުޑީޝަލް ދާއިރާއަށް ބޭފުޅަކު ހަމަޖެއްސުމަށް 09 މޭ 2023 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 32 ވަނަ ޖަލްސާގައި ނިންމުމާ ގުޅިގެން މިފަރާތްތަކަށް މަޤާމުގެ ފަތްކޮޅު އެރުވުން މިއަދު، މި ކޮމިޝަނުގައި ބާއްވައިފިއެވެ. މި ބޭފުޅުންނަށް މާޤާމުގެ ފަތްކޮޅު އަރުވާފައިވަނީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙިސާން ހުސައިންއެވެ. 

އެގޮތުން، ށ. ޖުޑީޝަލް ދާއިރާއަށް ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 2010 މޭ 30 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ށ.މިލަންދޫ، ކެތީހައުސް، އަލްއުސްތާޛު ޙަސަން ޝިޔާމްއެވެ. އަލްއުސްތާޛު ޙަސަން ޝިޔާމް ހުންނެވީ ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

1996 ފެބްރުއަރީ 13 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ނ.ޅޮހީ، ސަންޝައިން، އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކު ވަނީ ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވިފައެވެ. ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނުއިރު އަލްއުސްތާޛު އަޙްމަދު ޙަސަން ހުންނެވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

ބ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކޮމިޝަނުން ޢައްޔަންކުރުމަށް ނިންމާފައިވާ ބ.މާޅޮސް، ނަފާޕެލަސް، އަލްއުސްތާޛު ޢަބްދުއްރަޝީދު ޔޫސުފްއަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު، ވަކިވެވަޑައިގަތުމަށްފަހު 2013 ޖަނަވަރީ 08 ވަނަ ދުވަހު އަލުން ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މި ބޭފުޅާ ހުންނެވީ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި ބ.ކިހާދޫ، ގާރޑެނިޔާވިލާ، އަލްއުސްތާޛު ޢަލީ ނަޞީރުއަކީ 1994 އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މިބޭފުޅާ ހަމަޖެއްސުމަށް ނިންމާފައިވަނީ ވ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށެވެ.

 މ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ މ.ކޮޅުފުށި، ލިލީމާގެ، އަލްއުސްތާޛު އަޙްމަދު ނަޖީބު އަކީ މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްއެވެ. އަލްއުސްތާޛު އަޙްމަދު ނަޖީބު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ، 2003 މާރިޗު 23 ވަނަ ދުވަހުއެވެ.

ހިމަނާފައިވާ ލިޔުންތައް

2023-05-15_PR_Dhaaira Ismagisrates.pdf