ޚަބަރު / ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

06/03/2023

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/195/2023/1 (14 ޖަނަވަރީ 2023) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ސިޔާމާމަންޒިލް، އއ.ފެރިދޫ، އަޙްމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 މާރިޗް 05 ދުވަހު ބޭއްވުނު މިކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ނިންމައިފައިވެއެވެ.

23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލް އަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ. މިވަގުތު އަލްއުސްތާޛު އަޙްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ. 

ސުޕީރިއާ ކޯޓުތައް

ކްރިމިނަލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ ނަންބަރު (IUL)195-C/1/2023/1 (10 ޖަނަވަރީ 2023) އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 05 ދުވަހު ބޭއްވުނު މިކޮމިޝަންގެ 10 ވަނަ ބައްދަލުވުމުގައި ނިންމައި، އަދި ކްރިމިނަލް ކޯޓަށް 01 ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ ނަންބަރު (IUL)195-C/1/2022/15 (07 ޖުލައި 2022) އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 8 ދުވަހު ބޭއްވުނު މިކޮމިޝަންގެ 11 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަލްއުސްތާޛު އިބްރާހީމް އިޙްސާންއަކީ 2018 އޮކްޓޫބަރު 29 ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މިވަގުތު ގއ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމް އަދާކުރައްވަމުންދާ ފަނޑިޔާރެކެވެ. އަދި ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އަލްއުސްތާޛު އިބްރާހީމް އިޙްސާންވަނީ ލީގަލް އޮފިސަރއެއްގެ ގޮތުގައި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފައެވެ. 

އަލްއުސްތާޛު އިބްރާހީމް ޛިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއިން ބެޗްލަރ އޮފް އާރޓްސް އިން ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު އިބްރާހީމް ޛިހުނީ އަކީ 2013 ފެބްރުއަރީ އިން ފެށިގެން ލީގަލް މަސައްކަތުގައި އެމް.ޑަބްލިއު.އެސް.ސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި ލީގަލް އޮފިސަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު އިބްރާހީމް ޛިހުނީ ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ ގޮތުގައެވެ.

އަލްއުސްތާޛާ އާމިނަތު އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) އަދި ވިލާކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވިއެވެ. 2015 އޭޕްރީލް އިން ފެށިގެން އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސިވިލް ކޯޓަށް 01 ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ ނަންބަރު (IUL)195-C/1/2022/16 (15 އޮގަސްޓް 2022) އިޢުލާނުގެ ދަށުން ސިވިލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ ޢައްޔަންކުރުމަށާއި، ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ ނަންބަރު (IUL)195-C/1/2022/17 (24 އޮގަސްޓް 2022) އިޢުލާނުގެ ދަށުން ސިވިލް ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ފެބްރުއަރީ 15 ދުވަހު ބޭއްވުނު މިކޮމިޝަންގެ 13 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަލްއުސްތާޛު ސިނާން ޢަލީއަކީ ވިލާ ކޮލެޖްއިން ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2015 ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު ސިނާން ޢަލީ ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ.

އަލްއުސްތާޛު ފައިޞަލް އާދަމް އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އޮކްޓޫބަރުން 2020 ފެބުރުވަރީއަށް ޑިޕާޓްމަންޓް އޮފް ޖުޑީޥަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރގެ މަޤާމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އަލްއުސްތާޛު ފައިޞަލް އާދަމް މަސައްކަތްކުރައްވަމުންދަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމުގައެވެ.

އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއަކީ އައްޑޫ ކައުންސިލްގެ އިދާރާގައި 2016 ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރއެއްގެ ހައިޞިއްޔަތުން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

މެޖިސްޓްރޭޓް ކޯޓުތައް

ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/195/2022/17 (24 އޮގަސްޓް 2022) އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ގްރޭލައިޓް، ލ.މާމެންދޫ، އަލްއުސްތާޛު މުޙައްމަދު ފަޒީޙު ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށާއި ދޯދި، ހދ.ނޮޅިވަރަން،އަލްއުސްތާޛު އަޙްމަދު ނިޔާޒް ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށާއި ގެމަނަ، ގއ.ގެމަނަފުށި، އަލްއުސްތާޛު އަޙްމަދު ރޫޙުﷲ ޝިޔާމް ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރުމަށް އަދި ކޯނަރ، މ.ވޭވަށް، އަލްއުސްތާޛު  ޔާސިރު މުޙައްމަދު ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކަމުން، މ.މުލައް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް 2023 މާރިޗު 05 ދުވަހު ބޭއްވުނު މިކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ފަޒީހުއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އަޙްމަދު ނިޔާޒުއަކީ ޤާނޫނީ ދާއިރާއިން ވިލާކޮލެޖްއިން ބެޗެލަރ އޮފް ޝަރީޢާ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޤާނޫނީ ވަކީލްކަމުގެ ހުއްދަ ލިބުނު ފަހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤާނޫނީ ވަކީލެއްގެ ޙައިޞިއްޔަތުން ދަ ލިޓިޖަންޓްސް މޯލްޑިވްސްގައެވެ.

އަލްއުސްތާޛު އަޙްމަދު ރޫޙުﷲ ޝިޔާމްއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާސިލްކުރައްވާ އަދި މާސްޓަރ އޮފް ޝަރީޢާ ވިލާ ކޮލެޖްއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިވަގުތު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުންދާ ބޭފުޅެކެވެ.

އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ހާސިލްކުރައްވާ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ވިލާކޮލެޖުން ހާސިލްކުރައްވާފައެވެ. އަލްއުސްތާޛު ޔާސިރު މުޙައްމަދު އަކީ މިވަގުތު އިސްމެޖިސްޓްރޭޓް މަޤާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

އަލަށް ޢައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 2023 މާރިޗު 13ވާ ހޯމަ ދުވަހުއެވެ.

ހިމަނާފައިވާ ލިޔުންތައް

2023_03_06_Fandiyaarun Ayyankurun (3).docx.pdf