ޚަބަރު / ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި 

ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި 

07/07/2022

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/1/2022/11 (14  ޖޫން 2022) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ކ.މާލެ މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ.ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2022 ޖުލައި 6 ދުވަހު ބޭއްވުނު މިކޮމިޝަންގެ 48 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.  

އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމް 2020 ސެޕްޓެންބަރު 02 އިން ފެށިގެން އަދާކުރައްވަމުންދާ ބޭފުޅެކެވެ.  

އަލްއުސްތާޛު މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.  

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މި ދެފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 2022 އޮގަސްޓް 9 ދުވަހުއެވެ.  

ހިމަނާފައިވާ ލިޔުންތައް

2022-07-07_PR_787.pdf