ޚަބަރު / ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމާ ގުޅޭ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމާ ގުޅޭ

20/02/2022

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 04 އޮކްޓޯބަރު 2020 ވަނަ ދުވަހު މި ކޮމިޝަނުން ނިންމާފައިވެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން މި ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/S-SC/2012 (05 ޑިސެމްބަރު 2012) ގަޒިއްޔާގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވާކަމެވެ. ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން މި ކޮމިޝަނަށް ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް މި ކޮމިޝަނުން ސްޕްރީމް ކޯޓަށް ހުށަހެޅީމެވެ.

ސްޕްރީމް ކޯޓުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެކެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މި ދަނީ ކުރަމުންނެވެ.

ހިމަނާފައިވާ ލިޔުންތައް

20 Feb 2022 press HulhuMalemegistrate Court.pdf