ޚަބަރު /

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު ސަސްޕެންޑް ކުރުމަށް ނިންމުން

18/11/2021

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާޢީ 05 މައްސަލައެއްގައި ހިމެނޭ ޚަޞްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށްބުނެ އެ މައްސަލަތައް ބެލުމުން އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފު ތަނާޒުލްވެ، ހަމަ އެ ޚަސްމާ ގުޅޭގޮތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު ތަނާޒުލުވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ޚަސްމުގެ ބަންދާމެދު ގޮތެއް ނިންމާފައިވާތީއާއި، އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީވެސް ކަނޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށްވާތީ، އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފުގެ މި ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ  ފަނޑިޔާރުންގެ ޤާނޫނޫ)ގެ 7 ވަނަ މާއްދާއާއި، 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި، 1.2 ވަނަ ނަންބަރާއި، 2.1 ވަނަ ނަންބަރާއި، 2.2 ވަނަ ނަންބަރާއި އަދި 3.1 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު، 18 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް 2 (ދޭއް) ހަފުތާގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް 2021 ނޮވެންބަރު 17 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 86 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު، ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން، ބ.ޖުޑީޝަލް ދާއިރާ ހިންގުން ބ.ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝުޖާޢުއާ ވަނީ ޙަވާލުކުރެވިފައެވެ.

 


18 ނޮވެންބަރު 2021

 

 

 

އެޓޭޗްމަންޓް

670_20211118.pdf