ޚަބަރު /

ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ހުރިހާ މަސައްކަތެއް ނިންމާނެ ތާރީޚުތައް ކަނޑައަޅައިފި

05/01/2011

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު (5 ޖަނަވަރީ 2011) ބޭއްވުނު ކޮމިޝަންގެ މިއަހަރުގެ ދެވަނަ ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ހައިކޯޓަށް ފަނޑިޔާރުން ނެގުމާގުޅޭގޮތުންނެވެ.

އެގޮތުން ހައިކޯޓަށް ފަނޑިޔާރުން ނެގުމަށްޓަކައި އެކުލަވާލައްވައިފައިވާ އިންޓަވިއު ޕެނަލަކީ މުޅި ކޮމިޝަން ކަމަށް ހުށަހެޅުއްވިއެވެ.

މިގޮތުން ކޮމިޝަންގެ 10 މެމްބަރުންގެ ތެރެއިން އިންޓަވިއު ޕެނަލްގައި ހިމެނިވަޑައިގަތުމަށް އިޢުތިރާޒު ކުރައްވާ މެންބަރަކު ހުރިނަމަ، އެ މެންބަރަކު ފިޔަވައި ދެންތިއްބެވި މެންބަރުންނަކީ ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕެނަލްގެ ގޮތުގައި ހަމަޖެއްސުމަށެވެ.

މިގޮތުން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕެނަލުގައި ހިމެނިވަޑައިގެންނެވުމަށް އިޢުތިރާޒުކުރެއްވުމުން، ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕެނަލަކީ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފިޔަވައި ދެންތިއްބެވި 9 މެމްބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.

މިއަދުގެ ޖަލްސާގައި ހައިކޯޓަގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، 09 ޖަނަވަރީ 2011 ގައި ނިންމެވުމަށާއި، އެފަރާތްތަކާ އިންޓަވިއުކުރުމަށް 15 ޖަނަވަރީ 2011 ކަމުގައި ހަމަޖެއްސެވިއެވެ. އަދި  އިންޓަވިއުއަށް ފަހު، ކޮމިޝަނުންގެ ރަސްމީޖަލްސާއިން ގޮތެއް ނިންމުމަށް ބާއްވަވާ ޖަލްސާ 19 ޖަނަވަރީ 2011 ގައި ބޭއްވުމާއި، ހައިކޯޓްގެ ބެންޗަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާ ކުރެއްވުމާ ފަތްކޮޅުދެއްވުމަށް 23 ޖަނަވަރީ 2011 ކަމުގައި ނިންމެވިއެވެ.

އެޓޭޗްމަންޓް