ޚަބަރު / ފަނޑިޔާރުންގެ މުސާރައިގެ އާ އޮނިގަނޑަށް ޢަމަލުކުރުމަށް ކޮމިޝަނުން ނިންމަވައިފި

ފަނޑިޔާރުންގެ މުސާރައިގެ އާ އޮނިގަނޑަށް ޢަމަލުކުރުމަށް ކޮމިޝަނުން ނިންމަވައިފި

19/01/2011

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައްް 28 ޑިސެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް 10 ޑިސެމްބަރ 2010 އިން ފެށިގެން، މުސާރައިގެ އާ އޮނިގަނޑަށް ޢަމަލުކުރުމަށް ކޮމިޝަނުން ނިންމައި، އެކަން ކޯޓުތަކަށް އަންގަވައި ސަރކިއުުލަރއެއް ނެރުއްވައިފިއެވެ. ކޮމިޝަނުން މިކަން މިގޮތަށް ނިންމެވީ 18 ޖަނަވަރީ 2011 ވަނަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަންގެ ޖަލްސާއިންނެވެ.

ކޮމިޝަނުން ނެރުއްވާފައިވާ ސަރކިއުލަރއިގައި ވާގޮތުން މި އޮނިގަނޑަށް ފަނޑިޔާރުންނަށް މުސާރަ ދޭން ފަށާނީ 10 އޯގަސްޓް 2010 ވަނަ ދުވަހުން ފެށިގެންކަމަށާ، މިގޮތަށް މުސާރަދޭއިރު، 10 އޯގަސްޓް 2010 ން 31 ޑިސެމްބަރ 2010 ގެ ނިޔަލަށް މުސާރަ ދޭންވާނީ، 10 އޯގަސްޓް 2010 ން 31 ޑިސެމްބަރ 2010 ގެ ނިޔަލަށް ފަނޑިޔާރުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތައް ކަނޑައި ބާކީވާ ޢަދަދުކަމާއި، 01 ޖަނަވަރީ 2011 ފެށިގެން މި އޮނިގަނޑުގައިވާ ގޮތަށް ފަނޑިޔާރުންނަށް މުސާރަ ދޭންވާނެކަމަށް ކޮމިޝަނުންވަނީ ނިންމަވާފައެވެ.

އަދި މިއޮނިގަނޑުގެ ދަށުން މުސާރަޔާ އިނާޔަތްތަކުގެ އިތުރުން، މާލެ ފިޔަވައި، އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހަކަށް 1,500/- ލިބޭނެކަމައި،  މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުންކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށްކަމުގައި ސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ. އަދި މި އެލަވަންސް ލިބިވަޑައިގަންނަވާނީ ހަމައެކަނި މެޖިސްޓްރޭޓުންކަމަށްވެސް ސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މިހާރު ދެމުންގެންދާ 11 އެލަވަންސެއް ދިނުން ހުއްޓާލުމަށް ވެސް މިސަރކިއުލަރގައިވެއެވެ. އެއީ

1. ދިގުމުއްދަތުގެ އެލަވަންސް
2. ޚާއްޞަ އެލަވަންސް
3. މަތީ ތަޢުލީމް އެލަވަންސް
4. ފަންނީ އެލަވަންސް
5. ފޯން އެލަވަންސް
6. ނައިޓް ކޯޓް އެލަވަންސް
7. ފަނޑިޔާރުކަމުގެ މަޤާމުގެ ހައިސިއްޔަތުން މަޢްޛޫންކަން ކުރައްވާތީ ލިބޭ މުސާރަޔާއި ޢިނާޔަތްތައް (ކޮށްދޭ ކޮންމެ ކައިވެންޏަކަށް ދޭ ފައިސާ)
8. ޓްރާންސްޕޯޓް އެލަވަންސް،
9. ސެކިއުރިޓީ އެލަވަންސް (ޖިނާއީ ކޯޓުގެ ޤާޟީންނަށް ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަމަޖައްސައިފައިވާ މީހުންނަށް ދޭ މުސާރައާއި ޢިނާޔަތްތައް)
10. ރަށުކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށްބަލައި ދެވޭ އެލަވަންސާއި އަދި
11. އިތުރުގަޑީގެ ގޮތުގައި ދެވޭ ފައިސާ


މުސާރައިގެ އާ އޮނިގަނޑުގެ ދަށުން  ހައިކޯޓުގެ އިސް ފަނޑިޔާރު، ހައިކޯޓުގެ ފަނޑިޔާރު، ސްޕީރިއަރކޯޓްގެ އިސް ޤާޟީ، ސްޕީރިއަރކޯޓްގެ ޤާޟީ، އަތޮޅުގެ އިސް މެޖިސްޓްރޭޓް، ކޯޓު އިސް މެޖިސްޓްރޭޓް ސީނިއަރ މެޖިސްޓްރޭޓް އަދި މެޖިސްޓްރޭޓްކަމުގެ މަގާމުތަކާއި ރޭންކް ކުރާއިރު ކުލެސިފައި ކުރެވޭނެ ގޮތްތައްވެސް ވަނީ މި ސަރކިއުލަރގައި ބަޔާންކޮށްފައެވެ.

ފަނޑިޔާރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މުސާރަތައް ކަނޑައެޅިފައިވާ ގޮތާއި، ފަނޑިޔާރުންނާއި ޤާޟީން އަދި މެޖިސްޓްރޭޓުންގެ  މަގާމުތަކާއި ރޭންކް ކުރާއިރު ކުލެސިފައި ކުރެވޭނެ ގޮތްތަކާ ބެހޭ މަޢުލޫމާތު އެކުލެވޭ މިސަރކިއުލަ ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.