ޚަބަރު /

ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގައި ޢަމަލުކުރާނެ އުޞޫލު އެކުލަވާލައިފި

23/02/2011

ކޮމިޝަންގެ ސެކްރެޓަރ ޖެނެރަލް ހޮވުމުގައި ޢަމަލުކުރާނެ އުޞޫލު، އިންޓަވިއު ޕެނަލުން އެކުލަވާލައިފިއެވެ.

މިއުޞޫލުގައި ވާގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ލިސްޓެއް އިންޓަވިއު ޕެނަލުން ކަނޑައެޅުމާއި، އިންޓަރވިއު ޕެނަލުން ފާސްކުރާ ލިސްޓް އެއީ އިންޓަވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭ ކެނޑިޑޭޓުންގެ ލިސްޓް ކަމުގައި ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު ޝޯޓްލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް، އެކަން ކޮމިޝަންގެ އިދާރާގެ ފަރާތުން ސަބަބާއެކު ލިޔުމުން އެންގުމާއި، ޝޯޓްލިސްޓް ކުރެވުނު ކެންޑިޑޭޓުންނަށް ޝޯޓްލިސްޓް ކުރެވުނުކަން އެންގުމާއެކު އެ ކެންޑިޑޭޓުންނަށް އިންޓަރވިއު ކުރާނެ ދުވަހާއި ގަޑި އަންގަންވާނެކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

މިއުސޫލުގައިވާ ގޮތުން ޝޯޓްލިސްޓް ކުރެވޭ ހުރިހާ ކެންޑިޑޭޓުންނާ އިންޓަވިއުކުރުމާއި، އެ އިންޓަރވިއުގައި ތަޢުލީމް، ތަޖްރިބާ އަދި އަޚްލާޤްގެ ބައިން ކެންޑިޑޭޓުންނަށް ލިބުނު މާކްސް އެއްކުރުމަށްފަހު، ކޮންމެ ބައިވެރިޔަކަށް ލިބުނު މާކްސްގެ ޖުމްލަ އަދަދާއި ޕަރސެންޓޭޖް ހިމެނޭގޮތަށް ހުރިހާ ކެނޑިޑޭޓުންނަށް ލިބުނު މާކްސްތައް އެނގޭނެ ލިސްޓެއް ހަދާ، އެންމެ މަތިން މާކްސް ލިބުނު ކެނޑިޑޭޓުންގެ ތަރުތީބުން މާކްސްދެވިފައިވާ ގޮތުގެ ލިސްޓެއް ކޮމިޝަނަށް ހުށަހެޅުމާއި، ހަމައެއާއެކު އެލިސްޓް ހުށަހަޅާއިރު ކޮމިޝަންގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި ވަކިވަކި ކެންޑިޑޭޓުންނަށް މާކްސް ދިން ޝީޓުތައްވެސް އެޕެނަލުން ކޮމިޝަނަށް ހުށަހެޅުމަށް މިއުސޫލުގައި ކަނޑައަޅާފައި ވެއެވެ.

ސެކްރެޓަރީ ޖެނެރަލް ހޮވުމުގައިި ޢަމަލުކުރާނެ އުޞޫލުގައިވާ ގޮތުން އިންޓަވިއު ޕެނަލްގެ ރިޕޯޓާއި މާކްސް ލިސްޓަށް ބެލުމަށްފަހު ސެކްރެޓަރީ ޖެނެރަލްކަމަށް ޢައްޔަންކުރާނެ ފަރާތް، ކަނޑައަޅާނީ ކޮމިޝަނުންނެވެ. މިއުޞޫލާއެކު ސެކެރެޓްރީ ޖެނެރަލް ހޮވުމުގައި މާކްސް ދޭނެ ކުރައިޓީރިއާ ވަނީ ކަނޑައަޅުއްވާފައެވެ.

ސެކްރެޓަރީޖެނެރަލް ހޮވުމަށް އެކުލަވާލާފައިވާ، އިންޓަރވިއު ޕެނަލްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން، އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.