ޚަބަރު / ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅުމަށް ތައުދިބީ ކޮމިޓީއެއް އެކުލަވާލައިފި

ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅުމަށް ތައުދިބީ ކޮމިޓީއެއް އެކުލަވާލައިފި

20/03/2011

20 މާރޗް 2011 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅުމަށް ތައުދިބީ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިގޮތުން އެކުލަވާލެވުނު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ކޮމިޝަންގެ މެމްބަރު އަލްފާޟިލް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

އެގޮތުން އެކުލަވަލާވުނު ތައުދީބީ ކޮމެޓީއާ، ކޮމިޝަނުން މިއަދު ހަވާލުކުރެއްވި ފުރަތަމަ މަސައްކަތަކީ، ސިވިލް ކޯޓުގެ ޤާޟީ އައްޝަޢިޚް މުޙައްމަދު ނަޢީމު، ދައުލަތުގެ ބަނޑާރަނާއިބަށް މަޖިލީހުން ރުހުން ލިބުމުން ނޫނީ ދައުލަތަށް ރައްދުވާ އެއްވެސް މައްސަލައެއް ނުބައްލަވާނެކަމަށް ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކާގުޅިގެން އެކަން ބެއްލެވުމެވެ.

ކޮމިޝަންގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކުރެއްވީ، ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން މި މައްސަލައާ މެދު މިއަދުގެ ޖަލްސާގައި މަޝްވަރާކުރުމަށް ނިންމެވިއެވެ.