ޚަބަރު / ހައިކޯޓުގެ ބެންޗަށް ބޭނުންވާ ފަސްފަނޑިޔާރުން، ޢައްޔަނުކޮށް ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި

ހައިކޯޓުގެ ބެންޗަށް ބޭނުންވާ ފަސްފަނޑިޔާރުން، ޢައްޔަނުކޮށް ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި

26/03/2011

ޤާނޫނު ނަންބަރު 2011/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ)ގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހައިކޯޓުގެ ބެންޗަށް ބޭނުންވާ ފަސްފަނޑިޔާރުން، ޢައްޔަނުކޮށް ފަނޑިޔާރުކަމުގެ ހުވާކުރައްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސްޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެބޭފުޅުންނަށް ފަތްކޮޅު އެރުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއާ ވާޖިބުތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކުގެ މަތިން ގެންދެވުމަށް އެބޭފުޅުންގެ އަރިހުން އެދިވަޑައި ގެންނެވިއެވެ. އަދި މިއީ މުހިންމު ބޮޑު ޒިންމާއެއްކަމަށާއި ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދައިދެއްވުން މަތީ ދެމިތިއްބާވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުފަނޑިޔާރުކަމަށް ހޮވިވަޑައިގެން ހުވާކުރެއްވި ފަސްބޭފުޅުންނަކީ އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޑރ. އަޒުމިރާލްދާ ޒާހިރު، އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް، އަލްއުސްތާޛު ޢައްބާސް ޝަރީފު، އަލްއުސްތާޛު ޢަލީ ސަމީރެވެ.