ޚަބަރު / ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ މަޢުލޫމާތު ޗެކްކުރުމާއި ޝޯޓްލިސްޓްކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ މަޢުލޫމާތު ޗެކްކުރުމާއި ޝޯޓްލިސްޓްކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ

22/08/2011

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ 47 ބޭފުޅުންގެ މަޢުލޫމާތު ޗެކުކުރުމުގެ މަސައްކަތް ސުޕީރިއަރ ކޯޓުތަކާ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން މިހާރު ގެންދަނީ ކުރަމުންނެވެ.

އެގޮތުން މި ޕެނަލުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ބޭފުޅުން، އެކަމަށް އެދި ހުށަހެޅުމުގައި ކޮމިޝަނުން ކޮށްފައިވާ އިޢުލާންގައި ހުށަހެޅުމަށް ބުނެފައިވާ ލިޔެކިޔުންތައް ހަމަޔަށް ހުރިތޯއާއި، ހުށަހަޅަން ޖެހޭ ތަޢުލީމީ ސެޓްފިކެޓްތައް އެކްރިޑިޓޭޓްކޮށްފައިވޭތޯއާއި، ތަޖުރިބާއާއި ގުޅުންހުރި ލިޔެކިޔުންތަކާއި، އަދިވެސް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ގެންދަވަނީ ބަލަމުންނެވެ.

މީގެ އިތުރުން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ތަކަށް ބެލުމަށްފަހު، އެބައިތަކަށް މާކްސް ދިނުމުގެ މަސައްކަތާއި ޝޯޓްލިސްޓްކުރުމުގެ މަސައްކަތް ޕެނަލުން މިހާރު ގެންދަނީ ކުރަމުންނެވެ.

ސުޕީރިޔާ ކޯޓުތަކުގެ ތެރެއިން ފަނޑިޔާރުން ނެގުމަށް ހަމަޖެހިފައިވަނީ ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. މި ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޯޓަށް 02 ފަނޑިޔާރުންނެވެ. އަދި ފެމެލީ ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ 03 ފަނޑިޔާރުންނެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ނެގުމަށް ކޮށްފައިވާ އިޢުލާނާއި ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ ޤަވާއިދު މިކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.