ޚަބަރު / ފަނޑިޔާރަކާމެދު ސުލޫކީގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤާނޫނުއަސާސިއާއި ޤާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ބާރެއް ނޫން

ފަނޑިޔާރަކާމެދު ސުލޫކީގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤާނޫނުއަސާސިއާއި ޤާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ބާރެއް ނޫން

16/01/2012

ފަނޑިޔާރުންގެ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މިކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވީ ހިނދު، އެއީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިދެންނެވި ޤާނޫނީ އަސާސުތަކުގެ މައްޗަށް ބުރަވާއިރު، ޤާނޫނީ އެއްވެސް ހައިސިއްޔަތަކުން ބާރުލިބިދިފައިވާ ކަމެއް ނޫނެވެ.

އަދި ހަމައެއާއެކު ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދާ ގުޅޭގޮތުން، ވަކިބާވަތެއްގެ ސުލޫކީ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަދި މިހާތަނަށް ނިންމާފައެއްވެސް ނުވާނެއެވެ.

އެހެންކަމުން މި ބުނެވުނު ޤާނޫނީ ހަމަތަކުގެ މަތިން ނޫންގޮތެއްގައި ފަނޑިޔާރަކާމެދު ސުލޫކީގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤާނޫނުއަސާސިއާއި ޤާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ބާރެއް ނޫނެވެ.