ޚަބަރު /

ނޫސްބަޔާން: ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމަށް މިކޮމިޝަނަށް ހުށަހަޅާ ޝަކުވާ ބެލުމުގައި މި ކޮމިޝަނުން ޢަމަލްކުރާނެ މިންގަނޑު އާންމުކުރުން

10/12/2020

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި، ކޮންމެ ފަނޑިޔާރަކުމެ އެފަނޑިޔާރަކު ބެލުމަށް ޙަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވުމާއެކު، މައްސަލަތަށް ލަސްނުކޮށް ނިންމުމުގައި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމުގައި މިކޮމިޝަނުން ރިޢާޔަތްކުރާނޭ މިންގަނޑު  މިކޮމިޝަންގެ JSC-C/CIR/2020/31 ނަންބަރު ސަރކިއުލަރއިން 2020 ނޮވެމްބަރު 30 ވަނަ ދުވަހު ވާނީ ޝާއިޢުކޮށްފައެވެ. މި މިންގަނޑާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2021 ޖެނުއަރީ 01 އިން ފެށިގެންނެވެ. މި މިންގަނޑުގައި ފާހަގަކޮށްފައި ވަނީ ތިރީގައިމިވާ ކަންކަމެވެ.

§  ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010)ގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ އާއި އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މަޢުލޫމާތު ދެމުން ގޮސްފައިވޭތޯ ބެލުން. އަދި އިސް ފަނޑިޔާރުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެލުން.

§  މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާޢީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/12)ގެ 106 ވަނަ މާއްދާގެ (ކ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ  ތާރީޚުތަކާއާއި ގަޑި ކަނޑައަޅައި ތާވަލު މައްސަލައިގައި ހިމެނޭ ޚަޞްމުނަށް ދީފައިވޭތޯ ބެލުން.

§   ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/13) ގެ 36 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22)ގެ 30 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގެ (ބ) އާއި 68 ވަނަ މާއްދާގެ (ނ)ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯ ބެލުން.

§  ޤާނޫނެއްގައި ވަކި މުއްދަތެއްގައި ފަނޑިޔާރު ފިޔަވަޅު އަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމެއްގައި އެ މުއްދަތަށް ޢަމަލުކޮށްފައިވޭތޯ ބެލުން.