ޚަބަރު /

ނޫސްބަޔާން: ޖުވެނައިލް ކޯޓަށް އަދި ކްރިމިނަލް ކޯޓަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުން

26/11/2020

ޖުވެނައިލް ކޯޓާއި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ  ފަރާތްތަކުގެ ތެރެއިން ޖުވެނައިލް ކޯޓަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމެވި ހދ. ކުޅުދުއްފުށީ، ޓޯޓަލްގެ، އަލްއުސްތާޛާ މަރްޔަމް ޠާއިފާ އަދި  ކްރިމިނަލް ކޯޓަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމެވި، ގދ. މަޑަވެލި ރީގަލް އަލްއުސްތާޛު ޞަފްޢަތު، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ.

މި 2 ބޭފުޅުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން މިއަދު އެދެބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށް މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފެވެ.

މިބޭފުޅުންގެ ތެރެއިން ޖުވެނައިލްކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވި އަލްއުސްތާޛާ މަރްޔަމް ޠާއިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ހާޞިލް ކުރައްވާފައެވެ. ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަލްއުސްތާޛާ މަރްޔަމް ޠާއިފާ ކުރިން ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ. މީގެ އިތުރުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މިއީ ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ)  22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް އައްޔަނު ކުރެވުނު އަންހެން ފަނޑިޔާރެވެ.

ކްރިމިނަލްކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޞަފްޢަތު ޙަބީބުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން  ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ  އަދި މާސްޓަރ އޮފް  ލޯ ހާސިލްކުރައްވާފައެވެ. ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަލްއުސްތާޛު ޞަފްޢަތު ޙަބީބު ކުރިން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލީގަލް އޮފިސަރ އެއްގެ މަޤާމުގައެވެ.