ޚަބަރު /

ދ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން

15/11/2020

ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިކޮމިޝަނުން 09 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 84 ވަނަ ބައްދަލުވުމުގައި ނިންމުމާގުޅިގެން، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު މިކޮމިޝަނުން ވަނީ ފޮނުވާފައެވެ.

އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް މިކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލަ ހިންގި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/M7C/2014 ޤަޟިއްޔާ އާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ނަންބަރު 30/M7C/2014 ޤަޟިއްޔާ، 04 މެއި 2015 ގައި ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤު މުޙައްމަދު ދ.މާއެނބޫދޫ ކޯޓުގެ ނަންބަރު 2014/44 (29 ޖުލައި 2015) ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ. ދ.މާއެނބޫދޫ ކޯޓުގެ ނަންބަރު 34/M7C/2014  ޤަޟިއްޔާ އާއި ނަންބަރު30/M7C/2014  ޤަޟިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ޤަޟިއްޔާ އަލުން ހިންގާފައިވަނީ އެ ޤަޟީއްޔާގައި ކުރިން ޙުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު  އެނގިހުރެ ގަސްތުގައިކަން، އެދެމައްސަލަ ހިންގުމުގެކުރިން، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 423/2015-M8C (7 ޖުލައި 2015) ފެކްސް މެސެޖުން އެގެއެވެ. އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ބުނެ ތަޙްޤީޤަށް އޮޅުވާލާފައިވާކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން، އެފެކްސް މެސެޖުގައި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 30/M7C/2014 ޤަޟިއްޔާއާއި، 34/M7C/2014 ޤަޟިއްޔާ ބާޠިލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަދި 6.1 އާއި ޚިލާފަށް ކަމަށްވާތީ އެދެ ޤަޟިއްޔާ އަލުން އެކޯޓުގައި ހިންގުމަށް އަންގައި ބަޔާންކޮށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށްފައިވެއެވެ.

މަތީގައި ދެންނެވުނު މައްސަލައިގައި ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ވަކިކުރުމަށް ނިންމިއިރު، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިޙްތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށްބުނާ މައްސަލައަކާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 87/M8C/2018 ޤަޟިއްޔާގެ ޝަރީޢަތަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލައެއްވެސް މިކޮމިޝަނުން ދަނީ ތަޙްޤީޤުކުރެވެމުންނެވެ.

މީގެ އިތުރުން، ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލަ މޯލްޑިވެސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަން ފެށުމާ ގުޅިގެން 07 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުންނެވީ ސަސްޕެންޑްކުރެވިފައެވެ.

15 ނޮވެންބަރު 2020