ސަރކިއުލަރ / ދާއިރާ ޙަވާލުވުމުން މިހާރު ދެއްވަމުން ގެންދަވާ އެލަވަންސްތައް ރިވިއުކުރުމަށް ނިންމެވުން

ދާއިރާ ޙަވާލުވުމުން މިހާރު ދެއްވަމުން ގެންދަވާ އެލަވަންސްތައް ރިވިއުކުރުމަށް ނިންމެވުން

25/08/2013

ދާއިރާ ޙަވާލުވުމުން މިހާރު ދެއްވަމުން ގެންދަވާ އެލަވަންސްތައް ރިވިއުކުރުމަށް ނިންމެވުން

 

ޤާނޫނު ނަންބަރ: 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ށ) ގައި އެހެން ކޯޓެއްގައި ވަގުތީގޮތުން ޝަރީޢަތްކުރަން ޙަވާލުކުރެވޭ ފަނޑިޔާރަކަށް އެމާއްދާގެ (ހ) ގައި ބުނާ މުސާރައިގެ އިތުރުން ލިބެންޖެހޭ އެހެނިހެން ޢިނާޔަތްތައް މިކޮމިޝަނަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން މި ކޮމިޝަނުން ކަނޑައަޅާފައިވާ އިނާޔަތްތައް ތިރީގައި އެވަނީއެވެ. އަދި ކޮމިޝަނުން ރިވިއުކޮށްފައިވާގޮތަށް އެލަވަންސް ދިނުމަށް ކޮމިޝަނުން ނިންމާފައިވަނީ 01 ޖެނުއަރީ 2014 ން ފެށިގެންނެވެ.

 

01 ޖެނުއަރީ 2014 އިން ފެށިގެން ޢިނާޔަތްތައް ދިނުމަށް ކޮމިޝަނުން ނިންމި ގޮތް

ޢިނާޔަތް

ތަފްޞީލު

ހުރުމުގެ ޚަރަދު

-    އެ ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ ކޯޓުނޫން އެހެން ކޯޓަކަށް ޝަރީޢަތްކުރައްވަން ވަޑައިގެން ހުންނަވާނަމަ ރެއަކާދުވާލަކަށް -/350 ރުފިޔާ.

ކެއުމުގެ ޚަރަދު

-        އެ ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ ކޯޓުނޫން އެހެން ކޯޓަކަށް ޝަރީޢަތްކުރައްވަން ވަޑައިގެން ހުންނަވާނަމަ ރެއަކާދުވާލަކަށް -/180 ރުފިޔާ.

-        ދުވަހެއްގައި ދުވަހެއްގެ އެއްއިރުގެ ކެއުމާއި އެއް އިރުގެސައިގެ ވަގުތުފާއިތުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 2/1 ދިނުން

-        ދަތުރުގައި ދުވަހެއްގެ އެއްއިރުގެ ކެއުމާއި އެއްއިރުގެ ސައިގެ ވަގުތުފާއިތުވުމުގެ އިތުރަށް ކެއުމުގެ، ނުވަތަ ސައިގެ ވަގުތެއް ފާއިތުވެއްޖެނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަ އަދަދު އެކުގައިދިނުން.

ދަތުރު ޚަރަދު

-        ކޯޓު ޙަވާލުވާ މެޖިސްޓްރޭޓަށް ވަގުތީގޮތުން ޙަވާލުވާ ކޯޓަށް ރަސްމީ އެއް ދަތުރު ކުރެވޭގޮތަށް ހަމަޖެއްސުމަށާއި ފެރީގެ ނިޒާމު އޮތްކަމަށްވާނަމަ، ޙާލަތަށް ބަލާފައި ޑިޕާޓްމަންޓް  އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހުއްދައާއެކު އިތުރު ދަތުރު ކުރުން.

*ދާއިރާ އެލަވަންސް

-        ދާއިރާއަށްކުރައްވާ ކޮންމެ ދަތުރަކަށް -/300 ރުފިޔާ

*ދާއިރާ އެލަވަންސަކީ ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓެއް ނުވަތަ ކޯޓުތަކެއް ހިންގުން ޙަވާލުކުރުމުން އެ ކޯޓުތަކަށް ކުރައްވާ ކޮންމެ ދަތުރަކަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެވެ.

 

މަތީގައިވާ ގޮތަށް އެލަވަންސް ހަމަޖެއްސެވުމާ ގުޅިގެން 01 ޖަނަވަރީ 2014 ން ފެށިގެން މާލިއްޔަތު ޤަވާއިދުގެ 5.07، 5.08 އަދި 5.09 ގައިވާ ގޮތުގެމަތިން ދެމުން ގެންދަވާ އެލަވަންސްތަކާއި މި ކޮމިޝަންގެ ނަންބަރު JSC/10/CIR/08 (07 އޮކްޓޯބަރ 2010) ސަރކިއުލަރގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެމުން ގެންދަވާ އަތޮޅުތަކުގެ ކޯޓުތަކުގެ ދާއިރާ ހަވާލުކުރާނަމަ ދާއިރާ އެލަވަންސްގެ ގޮތުގައި މަހަކު -/300 ރުފިޔާ އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހަވާލުކުރާނަމަ ދާއިރާގެ އެލަވަންސްގެ ގޮތުގައި މަހަކު -/500 ރުފިޔާގެ އެލަވަންސް ދިނުން ހުއްޓާލަންވާނެއެވެ.

ހިމަނާފައިވާ ލިޔުންތައް

246_20210825.pdf