ސަރކިއުލަރ / މެޖިސްޓްރޭޓުން ތަނާޒުލްވާންޖެހޭ މައްސަލަތަކުގައި ޢަމަލުކުރަންވީ އުސޫލު

މެޖިސްޓްރޭޓުން ތަނާޒުލްވާންޖެހޭ މައްސަލަތަކުގައި ޢަމަލުކުރަންވީ އުސޫލު

16/04/2009

ފަނޑިޔާރުކަމުގެ މަސްލަޙަތާއި އަމިއްލަ މަސްލަޙަތާއި ތަޢާރުޒުވާ ކަންކަމުގައި ޢަމަލުކުރާނެ އުސޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ (10/2008) 21 ވަނަ މާއްދާގެ (ނ) ގެ 4 ގައި ވާފަދައިން މިކޮމިޝަނުން ކަނޑައަޅަންޖެހޭތީ އެފަދަ ކަންކަމުގައި މެޖިސްޓްރޭޓުން ޢަމަލުކުރައްވާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

1. އަތޮޅު ތަކުގައި ތިބި މެޖިސްޓްރޭޓުން ބަލާ މައްސަލަތަކުގެ ތެރެއިން ތަނާޒުލްވާ މައްސަލަތައް ބެލުމަށް އެހެން މެޖިސްޓްރޭޓަކާއި ހަވާލުކުރާނީ އެ އަތޮޅެއްގެ އިސް މެޖިސްޓްރޭޓު ނުވަތަ އެ އަތޮޅެއްގައި ވެރިކަންކުރާ ރަށުގައި ހުރި ކޯޓަކުންނެވެ.

2. އިސް މެޖިސްޓްރޭޓް ނުވަތަ ވެރިކަން ކުރާ ރަށުކޯޓާއި ދާއިމީކޮށް ހަވާލުވެ ހުރި މެޖިސްޓްރޭޓް ބަލާ މައްސަލަތަކުގެ ތެރެއިން ތަނާޒުލްވާ މައްސަލަތައް ބެލުމަށް އެހެން މެޖިސްޓްރޭޓަކާއި ޙަވާލުކުރަންވެއްޖެނަމަ، އެކަން ހަމަޖައްސާނީ މިކޮމިޝަނުން ކަނޑައަޅާ ފަރާތަކުންނެވެ.

3. ތަނާޒުލްވާ މައްސަލަތައް ޙަވާލުކުރާއިރު އަބަދުވެސް މައްސަލަ ޙަވާލުކުރަންވާ އިތުރު މެޖިސްޓްރޭޓަރަކު ނެތް ކޯޓެއްނަމަ އެ ކޯޓަކާ އެންމެ ކައިރީގައިވާ ރަށެއްގެ ކޯޓުގައި ހުރި މެޖިސްޓްރޭޓާއެވެ.

4. ތަނާޒުލްވާ މައްސަލައެއް މެޖިސްޓްރޭޓަކާއި ހަވާލުކޮށްފިނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި މި ކޮމިޝަނަށް އަންގަންވާނެއެވެ.

5. ތަނާޒުލްވާ މައްސަލަތަކުގެ ރިޕޯޓް ކޮންމެ މަހަކު އެއްފަހަރު މި ސަރކިއުލަރއާއި އެކުގައިވާ ފޯމުގެ ނަމޫނާއާއި އެއްގޮތަށް ފުރިހަމަކުރުމަށްފަހު ތަނާޒުލްވި މެޖިސްޓްރޭޓް ވަޒީފާ އަދާކުރާ ކޯޓަށް ކޮޕީކޮށް މި ކޮމިޝަނަށް ފޮނުވަންވާނެއެވެ. ތަނާޒުލްވާ މައްސަލަތަކުގެ ރިޕޯރޓްގެ ނަމޫނާ މިސަރކިއުލަރގެ ޖަދުވަލު ގައި އެވަނީއެވެ.

6. މި ސަރކިއުލަރއަށް ޢަމަލުކުރަން ފަށާނީ 19 އޭޕްރީލް 2009 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ހިމަނާފައިވާ ލިޔުންތައް

235_20210825.pdf