ސަރކިއުލަރ / ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާކަމަށް މިކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި މިކޮމިޝަނުން ބަލާނޭ މިންގަނޑު

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާކަމަށް މިކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި މިކޮމިޝަނުން ބަލާނޭ މިންގަނޑު

09/11/2020

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމަށް މިކޮމިޝަނަށް ދަނީ ގިނަ ޝަކުވާތަކެއް ލިބެމުންނެވެ. މައްސަލަ ލަސްވާކަމަށް މިކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާގުޅިގެން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރަކު އެމީހަކު ބެލުމަށް ޙަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތްކޮށް ފަނޑިޔާރުންގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމުގައި މިކޮމިޝަނުން ޢަމަލުކުރާނޭ މިންގަނޑު ފަނޑިޔާރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދަންނަވަމެވެ.

1.     ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010)ގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުންފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ އާއި އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް  މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދެމުންގޮސްފައިވޭތޯ ބެލުން.

2.     މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/12) ގެ 106 ވަނަ މާއްދާގެ (ކ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ  ތާރީޚުތަކާއި ގަޑި ކަނޑައަޅައި ތަވާލު މައްސަލައިގައި ހިމެނޭ ހަސްމުނަށް ދީފައިވޭތޯ ބެލުން.

3.     މި މިންގަނޑުގެ ނަންބަރު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް އިސް ފަނޑިޔާރުންނާ ޙަވާލުކުރެވޭ މައްސަލަތަކުގައި އިސް ފަނޑިޔާރު ރިޕޯޓު އެކުލަވާލައިފައިވޭތޯ ބެލުން.

4.     ފަނޑިޔާރުންގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22)ގެ 30 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގެ (ބ) އާއި 68 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯ ބެލުން.

5.     ޤާނޫނެއްގައި ވަކި މުއްދަތެއްގައި ކޯޓުން ފިޔަވަޅު އަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމެއްގައި އެ މުއްދަތަށް ޢަމަލުކޮށްފައިވޭތޯ ބެލުން.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ކ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބައެއް ފަނޑިޔާރުން ގަވާއިދުން ޢަމަލުކުރަންމުންނުދާކަމާއި، ޤާނޫނުގައި ވަކި މުއްދަތެއްގައި ފިޔަވަޅު އެޅުމަށް ބަޔާންކޮށްފައިވާ މައްސަލަތަކުގައި އެމުއްދަތުގައި އެފަދައިން ޢަމަލުކުރަމުން ބައެއް ފަނޑިޔާރުން ނުދާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އެކަންތައްތައް އިޞްލާޙުކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި މިސަރކިއުލަރގައި ބަޔަންކޮށްފައިވާ މިންގަނޑުގެ ދަށުން މިކޮމިޝަނުން މައްސަލަތައް 1 ޖަނަވަރީ 2021 އިންފެށިގެން ބަލަމުންދާނެކަންވެސް ފަނޑިޔާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ހިމަނާފައިވާ ލިޔުންތައް

205_20210825.pdf