ސަރކިއުލަރ / އައު އާއްމު ޙާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް

އައު އާއްމު ޙާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް

05/07/2020

 

ކޮވިޑް 19 ޕެންޑަމިކް އާއި ގުޅިގެން އައު އާއްމު ޙާލަތުގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު 2020/05/SC (4 ޖުލައި 2020) ސަރކިއުލަރ ގައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ "ކޮވިޑް-19 އާ ގުޅިގެން ކަނޑައެޅޭ އައު ޢާއްމު ޙާލަތުގައި ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން ޢަމަލު ކުރަންޖެހޭ ގޮތުގެ އުޞޫލު" ގައި ބަޔާންކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު،އެ ކޯޓެއްގައި ހުރި ވަސީލަތްތަކާއި ފަނޑިޔާރުންގެ އަދަދަށް ރިޢާޔަތްކޮށް، ދަށު ކޯޓުތަކުންނާއި އިސްތިޢުނާފީ މަރުޙަލާގެ ކޯޓުތަކުން އެކޯޓެއްގެ ޝަރީޢަތްތަކުގެ ޝެޑިއުލް ރާއްވަވައި، ތަރުތީބުކުރެއްވުމަށްފަހު ޝަރީޢަތްތައް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. އަދި ކޯޓުގައި ފަނޑިޔާރުންގެ މަސައްކަތްތަކާއި ޝަރީޢަތްތައް ރޭވިފައިވަނީ ދަންފަޅި އުސޫލުންކަމުގައި ވާނަމަ، އެ ދަންފަޅިއެއްގައި މަސައްކަތްކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ފަނޑިޔާރުން އެ ގަޑިއަށް ކޯޓަށް ހާޒިރުވެވަޑާއިގެން، މަސައްކަތްތަކާއި ޝަރީޢަތްތައް ކުރެއްވުމަށް ދަންނަވަމެވެ.

 ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން އައު އާއްމު ޙާލަތުގައި ފަނޑިޔާރުންނަށް ފަސޭހަކަމާއި ސަލާމަތްތެރި މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތް ހެދުމާއެކު  ރައްޔިތުންނަށް ކޯޓުތަކުން ލިބިދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން، މި ކޮމިޝަނުން ފަނޑިޔާރުންނަށް ތިރީގައިމިވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

1.    ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމެއްގެ ދަށުން ފަނޑިޔާރަކު އައިސޮލޭޝަންގައި ހުންނަވަންޖެހިއްޖެނަމަ ނުވަތަ ކޮރެންޓީން ކުރެވިއްޖެނަމަ، އެފަނޑިޔާރަކު އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި އަންގަންވާނެއެވެ. މިފަދައިން އަންގަންވާނީ، ފަނޑިޔާރުގެ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި މަސައްކަތްކުރައްވާ ކޯޓު ބަޔާން ކުރައްވާ، މިކޮމިޝަނަށް ފޮނުއްވާ ސިޓީއަކުން ނުވަތަ [email protected] އަށް ފޮނުއްވާ އީ-މެއިލްއަކުން ނުވަތަ މިކޮމިޝަނުގެ 7821400 ނަންބަރަށް ފޮނުއްވާ ޓެކްސްޓް މެސެޖަކުންނެވެ. ފަނޑިޔާރަކު އައިސޮލޭޝަން ނުވަތަ ކޮރެންޓީންގައި ހުންނެވުމުގެ ސަބަބުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވޭ ދުވަސްތަކުގައި، އެފަނޑިޔާރަކަށް އޮންލައިންކޮށް މަސައްކަތްކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ. މި ޙާލަތުގައި، އޮންލައިންކޮށް މަސައްކަތްކުރެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނަށް އެ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް ހަމަޖައްސައިދީ، އެ ދުވަސްތަކަށްވާ މުސާރައާއި އިނާޔަތްތައް ފުރިހަމައަށް ލިބިދެވޭނެއެވެ. މިއިންތިޒާމު ފުރިހަމަ ކުރުމަށްޓަކައި ފަނޑިޔާރަކު އައިސޮލޭޝަންގައި ހުންނަވަންޖެހިއްޖެކަން ނުވަތަ ކޮރަންޓީން ކުރެވުނުކަން އެނގޭނޭ ރަސްމީ ލިޔެކިއުން ވީއެންމެ އަވަސް ފުރުސަތެއްގައި މިކޮމިޝަނަށް ހުށަހަޅުއްވަންވާނެއެވެ.

2.    މުޖުތަމައުގައި ކޮވިޑް-19 ފެތުރެމުންދާ ރަށްރަށުގައި މަސައްކަތްކުރައްވާ، އުމުރުން 60 އަހަރުން މަތީ ފަނޑިޔާރުންނާއި، މާބަނޑު ފަނޑިޔާރުނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ ހައި ރިސްކް ކެޓެގަރީގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ގެއިން މަސައްކަތްކުރައްވަން ބޭނުންފުޅުނަމަ، އެކަން  ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގެވުމުން، އެފަނޑިޔާރުން މަސައްކަތްކުރައްވާ ކޯޓަކުން އެ އެއިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. އަދި މި ގޮތަށް ފަނޑިޔާރުން މަސައްކަތްކުރައްވާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތްކުރައްވާ ދުވަސްތަކެއްގެ ގޮތުގައި ބެލޭނެއެވެ. 

 

3.   ފަނޑިޔާރަކު ހުންނަވާ ގެއެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން މޮނިޓަރިންގ ހާލަތަށް ގެނެސްފިނަމަ، އެފަނޑިޔާރަކާ މެދު ޢަމަލުކުރާނީ، އައިސޮލޭޝަންގައި ނުވަތަ ކަރަންޓީންގައި ހުންނަވާ ފަނޑިޔާރުންނާމެދު ޢަމަލުކުރާ ގޮތަށެވެ.

މިކޮމިޝަނުން އެހެން ގޮތެއް ކަނޑައަޅައި އަންގަންދެން މި ސަރކިއުލަރ ދެމިއޮންނާނެއެވެ. އަދި މި ސަރކިއުލަރ އަށް ޢަމަލުކުރަން ފެށުމާއެކު މިކޮމިޝަންގެ ނަންބަރު JSC-C/CIR/2020/8 (17 މާރޗް 2020) ސަރކިއުލަރ އާއި ނަންބަރު JSC-C/CIR/2020/10 (8 އޭޕްރީލް 2020) ސަރކިއުލަރ ބާޠިލުވީއެވެ.