ސަރކިއުލަރ / އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން އަމަލުކުރައްވަންޖެހޭ ހާއްސަ އުސޫލުތައް

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން އަމަލުކުރައްވަންޖެހޭ ހާއްސަ އުސޫލުތައް

08/06/2020

މި ސަރކިއުކަރއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC-C/CIR/2020/08 (17 މާރިޗް 2020) ސަރކިއުލަރ ބާޠިލްވީއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން 12 މާރިޗު 2020 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެދުވަހުން ފެށިގެން އިއުލާނުކޮށްފައިވީ ހިނދު ފަނޑިޔާރުންނަށް ސަލާމަތްތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ގޮތް ހެދުމާއެކު ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން މި ކޮމިޝަނުން ތިރީގައިމިވާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

1. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާ އެއްގޮތަށް، ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ އައިސޮލޭޝަން ނުވަތަ ކޮރެންޓީން ކުރެވިއްޖެނަމަ، އެފަނޑިޔާރަކު އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ. މިފަދައިން އަންގާނީ މިކޮމިޝަންގެ 7821400 ނަންބަރަށް ޓެކްސްޓް މެސެޖަކުންނެވެ. މި ޓެކްސްޓް މެސެޖުގައި ފަނޑިޔާރުގެ ނަން، އައިޑީ ކާޑު ނަންބަރު އަދި ކޯޓު ބަޔާން ކުރަންވާނެއެވެ. ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ އައިސޮލޭޝަން ނުވަތަ ކޮރެންޓީންގައި ހުންނަވާ މުއްދަތުގައި ކޯޓަށް ހާޒިރުނުވެވޭ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނެއެވެ.

2. ކޮވިޑް-19 އާ ގުޅިގެން އޮރެންޖް އެލަރޓް އިއުލާން ކުރެވޭ ސަރަޙައްދެއްގެ ކޯޓުގައި ތިއްބެވި، އުމުރުން 55 އަހަރުން މަތީ ފަނޑިޔާރުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ހިތުގެ، ފުއްޕާމޭގެ، ކެންސަރު، ހަކުރު ބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވާ ފަނޑިޔާރުންނާއި މާބަނޑު ފަނޑިޔާރުން ގޭގައި މަސައްކަތް ކުރައްވަން ބޭނުންފުޅުނަމަ، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގުމުން، މިކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން އެއިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ. އަދި މި ގޮތަށް މަސައްކަތް ކުރައްވާ ފަނޑިޔާރުން މިގޮތަށް މަސައްކަތް ކުރާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތް ކުރާދުވަސްތަކެއްގެ ގޮތުގައި ބެލޭނެއެވެ.

3. ފަނޑިޔާރަކު ހުންނަވާ ގެއެއް ނުވަރަ ރަށެއް ނުވަތަ ފަނޑިޔާރު ޢައްޔަންކޮށްފައިވާ ކޯޓު ހުރި ރަށް ނޫން ރަށެއްގައި ފަނޑިޔާރަކު ހުއްޓައި އެ ރަށެއް ފުރަބަންދުކުރުމުގެ ސަބަބުން އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ޙާލަތުގައި އެފަނޑިޔާރަކާ މެދު ޢަމަލުކުރަންވާނީ، އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބޭ ފަނޑިޔާރުންނާ މެދު ޢަމަލުކުރާ ގޮތަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނެރޭ އެލާރޓް ލެވެލްތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/04/2020 (3 ޖޫން 2020) ނަންބަރު ސަރކިއުލާއިން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ފަނޑިޔާރުންނާއި  ކޯޓުތަކުގެ މުވައްޒަފުންނަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

މި ސަރކިއުލަރގެ މުއްދަތަކީ މިއަދުން ފެށިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައުމާ ހަމައަށެވެ.

ހިމަނާފައިވާ ލިޔުންތައް

190_20210825.pdf