ޚަބަރު / މެޖިސްޓްރޭޓްކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

މެޖިސްޓްރޭޓްކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން

09/11/2023

ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު  (ILU)195-C/1/2023/29 (07 އޮގަސްޓް 2023) އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ފަރާތްތަށް ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 70 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓް

ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ހދ.ވައިކަރަދޫ، ޓޯކީވިލާ، އަލްއުސްތާޛު އަޙްމަދު އަރީޖުއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 

2014 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު އަލްއުސްތާޛު އަޙްމަދު އަރީޖު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ މަޤާމުގައެވެ.

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ގދ.މަޑަވެލި، ކަސްމީރުގެ، އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢުއެވެ. 

އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢު ވަނީ ޤާނޫނީ ދާއިރާގައި 05 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢު ހުންނެވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ލީގަލް ކައުންސިލްގެ މަޤާމުގައެވެ.

ނ.މާފަރު މެޖިސްޓްރޭޓް ކޯޓް

ތ.ތިމަރަފުށި، އާރާސްތު، އަލްއުސްތާޛު މުޙައްމަދު އީމާން ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ ޙާސިލްކުރައްވައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލީގަލް އޮފިސަރގެ މަޤާމާއި، ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރގެ މަޤާމް، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމް އަދާ ކުރެއްވިއިރު އަލްއުސްތާޛު މުޙައްމަދު އީމާންއަށް ޝަރުޢީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ. އަލްއުސްތާޛު މުޙައްމަދު އީމާން ޢައްޔަންކުރެވިފައިވަނީ ނ.މާފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމަށެވެ.

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ތ.ވިލުފުށި، ފިނިހިޔާ، އަލްއުސްތާޛާ އާމިނަތު ޒާފިރާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވައިފައެވެ. 

ޝަރުއީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަލްއުސްތާޛާ އާމިނަތު ޒާފިރާ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނުއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އޮފިސަރގެ މަޤާމްގައެވެ.

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ށ.ބިލެތްފަހި، ވިލުދޮޅި، އަލްއުސްތާޛާ ޙައްވާ އިބްރާހީމް ޢައްޔަނުކުރެވުނު އިރު ހުންނެވީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ. ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް އިންވެސްޓިގޭޓިވެ އޮފިސަރގެ މަޤާމާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވާފައިވެއެވެ.   

އަލްއުސްތާޛާ ޙައްވާ އިބްރާހީމްވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ވިތް އޮނަރސް ޙާސިލްކުރައްވައިފައެވެ. 

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓް

 ގއ.ދާންދޫ، ނޫރަންމާގެ، އަލްއުސްތާޛު ޙައްމާދު ވާފިރު ވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޙާސިލްކުރައްވާފައެވެ. ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އިރު އަލްއުސްތާޛު ޙައްމާދު ވާފިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމް ގައެވެ. އަދި ޝަރުޢީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ. 

ހިމަނާފައިވާ ލިޔުންތައް

2023-11-8_PR_MagistrateAY2 (3).pdf