މަސައްކަތް
- އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓު ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން. މިގޮތުން ޤަނޫނުއަސާސީގެ 147 ވަނަ މައްދާއާއި 148 ވަނަ މާއްދާގައި ވާގޮތުގެ މަތިން އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުމުގައި ރައީސުލް ޖުމްހޫރިއްޔާއަށް ލަފާދިނުން.
- ފަނޑިޔާރުންނާ ގުޅޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުން.
- ފަނޑިޔާރަކާއިބެހޭގޮތުން ޝަކުވާއެއް ނުވަތަ ތުޙުމަތެއް ހުށަނޭޅުނުކަމުގައިވީނަމަވެސް، ވަކިފަނޑިޔާރެއްގެ ސުލޫކާބެހޭގޮތުން ސުވާލުއުފެދޭ ސަބަބުތަކެއް ހުރިކަމަށް ކޮމިޝަނަށް ޤަބޫލުުކުރެވޭނަމަ އެފަދަ ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަޙްޤީގުކުރުން
- ފަނޑިޔާރުކަމުގެ މަޤާމަށް ޤާބިލް ނޫންކަމަށް ނުވަތަ އެމަޤާމާއި އެކަށީގެންނުވާފަދަ ޢަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ޤަބޫލްކުރެވިގެން އެފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުން
- ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާބެހޭ ގަވާއިދުތައް ހެދުން:
- ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާގުޅޭ އެންމެހާ ކަންތައްތައް ކުރުމަށް.
- ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ކަނޑައެޅުމަށް.
- ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ކުރުމަށް.
- ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާއި ތަޢާރުޒުވާފަދަ ކަންކަމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމަށް.
- ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމުހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.
- ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައެޅުން
- ޤާނޫނު އަސާސީގެ 153 ވަނަ މާއްދާގައިވާގޮތުގެ މަތިން ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލިކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން
- ފަނޑިޔާރުންގެ އުމުރުން 70 އަހަރުވުމުން ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގައިވާގޮތުގެ މަތިން މަޤާމުން މުސްކުޅިކުރުން
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުން ކޮމިޝަނާއި ހަވާލުކޮށްފައިވާ އެންމެހައި ކަންކަން ކުރުން