ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމުގައި ކަންހިނގާފައިވާ ގޮތުން ނެރޭ ނޫސްބަޔާން

29/5/2021

ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމުގައި މިކޮމިޝަނުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާކަމަށާއި، ޤާނޫނުން ދީފައިވާ ފުރުޞަތުތައް ހަނިވާގޮތަށް ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ، އާއްމުކުރެވިފައިވާ ވާހަކަތައް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

އިސްމާޢީލް ރަޝީދުގެ ސުލޫކީ އެ މައްސަލަ ތަޙުޤީޤު ކުރަން މި ކޮމިޝަނުން ނިންމާފައި ވަނީ 2020 ޖުލައި 15 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު މައްސަލަ ތަޙުޤީޤުކުރަން ނިންމިކަމާއި ތަޙުޤީޤު ކުރަނީ ކޮން މައްސަލައެއްކަން ބަޔާންކޮށް އިސްމާޢީލް ރަޝީދަށް މިކޮމިޝަނުން ސިޓީ ފޮނުވާފައިވެއެވެ. މި މައްސަލައާ ގުޅިގެން 2020 ޖުލައި 18 ވަނަ ދުވަހު އިސްމާޢީލް ރަޝީދު މި ކޮމިޝަނަށް ޙާޟިރުކޮށް ތަޙުޤީޤަށް ބަޔާން ނަގާފައިވެއެވެ. މި މަރުހަލާގައި އިސްމާޢީލް ރަޝީދު ވަކީލަކު ޢައްޔަނުކުރުމަށް ބޭނުންވުމުން ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ އެނާގެ ވަކީލާއެކުއެވެ.

އިސްމާޢީލް ރަޝީދުއާ ގުޅޭ ސުލޫކީ މައްސަލައިގެ ތަޙުޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ކޮމިޓީން އެކުލަވާލި “ތަޙްޤީޤު ރިޕޯޓު” ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން 2021 ފެބްރުއަރީ 25 ވަނަ ދުވަހު އިސްމާޢީލް ރަޝީދުއާ ޙަވާލުކޮށްފައި ވާނެއެވެ. އަދި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ވ) ގައި ބަޔާކޮށްފައިވާ ގޮތުގެމަތިން ތަޙުޤީޤު ރިޕޯޓަށް ލިޔުމުން ޖަވާބު ދިނުމުގެ ފުރުޞަތު ލިބިގެންވާކަން 2021 ފެބްރުއަރީ 25 ވަނަ ދުވަހު މި ކޮމިޝަނުން ސިޓީއަކުން އިސްމާޢީލް ރަޝީދަށް އަންގާފައި ވާނެއެވެ. ނަމަވެސް ލިޔުމުން ޖަވާބު ދާރީވުމުގެ މުހުލަތު ހަމަވި އިރުވެސް އެ ފުރުޞަތުގެ ބޭނުން އިސްމާޢީލް ރަޝީދު ހިފާފައެއްނުވެއެވެ.

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަހުގެ އަޑުއެހުން 2021 މާރިޗު 11 ވަނަ ދުވަހަށް ތާވަލުކޮށް، 2021 މާރިޗު 08 ވަނަ ދުވަހު “ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު” އިސްމާޢީލް ރަޝީދަށް ފޮނުވުމުން، 2021 މާރިޗު 11 ވަނަ ދުވަހު އަލްއުސްތާޛު އިސްމާޢީލް ރަޝީދު މި ކޮމިޝަނަށް އީ-މެއިލްކޮށް ތަޚްޤީޤު ރިޕޯޓު އާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަން ބޭނުން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ އީ-މެއިލްގައި  އަލްއުސްތާޛު އިސްމާޢީލް ރަޝީދު އިތުރަށް ވިދާޅުވެފައިވަނީ “އަޅުގަނޑު އެދެނީ ތަޙުޤީޤަށް އަޅުގަނޑު ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް އަވަހަށް މައްސަލަ ނިންމާލަދެއްވުމެވެ” މި ފަދައިންނެވެ.

މި މައްސަލައިގެ “ތަޙުޤީޤު ނިމުނު ގޮތުގެ ރިޕޯޓް” ތަޙުޤީޤު ކޮމިޓީން އެކުލަވާލާފައިވަނީ މި ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައެވެ. ވީމާ މި މައްސަލަ ތަޙުޤީޤު ކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އިޖުރާއަތަކާ މި ކޮމިޝަނުން ޚިލާފު ވެފައި ނުވާނެއެވެ. އަދި، އަލްއުސްތާޛު އިސްމާޢީލް ރަޝީދާ ގުޅިގެން މިކޮމިޝަނުން ހިންގި ތަޚްޤީޤު ހިންގުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ފުރުޞަތެއް އަލްއުސްތާޛު އިސްމާޢީލް ރަޝީދަށް ވަނީ ދީފައެވެ. މިކޮމިޝަނުން ހިންގާ ތަޚްޤީޤުތައް ހިންގާއިރު، އެތަޚްޤީޤާގުޅިގެން ޖަވާބުދާރީވުމަށް ފަނޑިޔާރަކަށް ލިބިގެންވާ އެއްވެސް ފުރުޞަތަކަށް ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ގޮތަށް މި ކޮމިޝަނުން ޢަމަލުނުކުރާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައި އެންމެހައި ބޭފުޅުންނަށް އަރުވަމެވެ.