ނޫސްބަޔާން: ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރަން ނިންމުން

17/2/2021

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމާއި، އެ އަމުރު ނެރުމުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅޭގޮތަށް އަދި ޖިނާޢީ ދަޢުވާލިބޭ އެހެން ފަރާތްތަކާ މެދު ޢަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވުމާއި، އަދި އެ އަމުރު ނެރުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދަޢުވާލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި ކޮމިޝަނުގައި އޮންނަ “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ”އިން ނިންމާފައިވެއެވެ. އަދި 17 ފެބުރުއަރީ 2021 ވަނަ ދުވަހު ބޭއްވި މި ކޮމިޝަންގެ ނަންބަރު 2021/14 ވަނަ ޖަލްސާގައި މި މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވައިލިއެވެ.