“ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އާއި “ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އިޞްލާޙް ކުރުން

12/1/2021

ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ މުޞާހަރާގެ ގޮތުން، ނުވަތަ ނަޞަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެކަމަށް މިކޮމިޝަނަށް ޤަބޫލުކުރެވޭތީއާއި ފަނޑިޔާރުން ޢައްޔަނު ކުރުމުގައާއި އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި މިކަމަށް ރިޢާޔަތް ނުކޮށްފިނަމަ، “ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011” ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ފުށުއެރުމެއް އުފެދޭނެތީ، “ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށާއި “ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށް އިޞްލާޙް ގެނައުމަށް 20 ޑިސެންބަރު 2020 ގައި ބޭއްވި މި ކޮމިޝަންގެ 98 ވަނަ ބައްދަލުވުމުގައި ނިންމިއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ސްކްރީން ކުރުމުގެ މަރުޙަލާގައި ބަލާނެ ކަމެއްގެ ގޮތުގައި (ޤަވާއިދުގެ 4 ވަނަ މާއްދާއަށް (ނ) ގެ ގޮތުގައި) ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ މީހަކު އެ ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަންކޮށްފިނަމަ، “ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011” ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން އިތުރުކޮށް ފަނޑިޔާރުން އަމިއްލައަށް އެދިގެން ކޯޓު ބަދަލުކުރުމުގައި ޝަރުތެއްގެ ގޮތުގައި (ގަވާއިދު ގެ 4 ވަނަ މާއްދާ އަށް (ބ) ގެ ގޮތުގައި) ބަދަލުވާން އެދިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ ފަނޑިޔާރަކު އެކޯޓަށް ބަދަލުވުމުން، “ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011” ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން އިތުރުކުރެވުނެވެ. މި ދެ އިޞްލާޙު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި 12 ޖަނަވަރީ 2021ގައި ޝާއިޢުކޮށްފައެވެ.