ނޫސްބަޔާން: ދިވެހިރާއްޖޭގެ ހައިކޯޓުގެ އަދި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުން އައްޔަނު ކުރުން

26/11/2020

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމަށް އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާ “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން އިންޓަރވިއުކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި ގޮތުގެ މަތިން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކ. މާލެ ގ. ޑޭޒީފެހި، އަލްއުސްތާޛު ހާތިފް ޙިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް އއ.ފެރިދޫ، ސިޔާމާމަންޒިލް، އަލްއުސްތާޛު އަޙްމަދު ޝަކީލު ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން މިއަދު އެދެބޭފުޅުން ނަށް އިސްފަނޑިޔާރުކަމުގެ އަދި އިސް ޤާޟީކަމުގެ ފަތްކޮޅު އަރުވައިފިއެވެ. މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅުންނަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.

މިބޭފުޅުންގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަނުކުރި އަލްއުސްތާޛު ހާތިފް ޙިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ލޯ ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 1 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ކްރިމިނަލްކޯޓުގެ އިސްޤާޟީގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިބޭފުޅާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީކޯޓާއި ކްރިމިނަލްކޯޓު ހިމެނެއެވެ.