ނޫސް ބަޔާން: ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ މުލްހާ ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން

17/11/2020

ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މި ކޮމިޝަނުން 15 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން، ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު މިކޮމިޝަނުން ވަނީ ފޮނުވާފައެވެ. އަދި، މެޖިސްޓްރޭޓް މުލްހާ ޢަލީ ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މެޖިސްޓްރޭޓް މުލްހާ ޢަލީ ވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެވެ. މިމައްސަލަތަކުގެ ތަޚްޤީޤުގެތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ އަބްދުލްބާރީ ޔޫސުފުއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން މިކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި،  ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަންވެސްވަނީ ފާހަގަކުރެވިފައެވެ. އަދި ހަމަ އެހެންމެ، ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު  ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި، ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި މިކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގެއެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފް  ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފްއާ ބެހޭގޮތުން ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ކޮމިޝަނަށް އަންގާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ހުރީ ސަސްޕެންޑްކުރެވިފައެވެ.

މެޖިސްޓްރޭޓް މުލްޙާ ޢަލީގެ މައްޗަށް ތަހްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، މެޖިސްޓްރޭޓް މުލްޙާ ޢަލީ، ދިފާޢީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާޢީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މެޖިސްޓްރޭޓް މުލްހާ ޢަލީ ދިރިއުޅޭ ގެއަށްގޮސް މުލްހާ ޢަލީއާ ބައްދަލުކުރާކަމާއި، 2019 އޮކްޓޫބަރު 19 ވަނަ ދުވަހު މެޖިސްޓްރޭޓް މުލްހާ ޢަލީގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޛު ފޯރުވައި ތަޙްޤީޤަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މެޖިސްޓްރޭޓް މުލްޙާ ޢަލީ ޢަމަލުކުރިކަމާއި، މުލްހާ ޢަލީގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ޚިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މުލްޙާ ޢަލީ މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާ މައްސަލަ ހިމެނެއެވެ.

17 ނޮވެންބަރު 2020