ނޫސް ބަޔާން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން

24/10/2020

އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުކިރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވާހިނދު، އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމާއި، އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވާހިނދު، އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާހިނދު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ކުރި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ  1.5 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، 4.2 ވަނަ ނަންބަރާއި، 7.1 ވަނަ ނަންބަރާއި އަދި 7.2 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ އާއި އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ކުރި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 21 އޮކްޓޫބަރު 2020 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 76 ވަނަ ބައްދަލުވުމުން ނިންމިއެވެ.

އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމިއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ ތިރީގައި ބަޔާންކުރެވިފައިވާ މައްސަލަތައްވެސް މިކޮމިޝަނުން ދަނީ ތަޚްޤީޤުކުރަމުންނެވެ.

  1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
  2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރު އާއި މެދު ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ
  3. ގއ.ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ
  4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
  5. ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
  6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
  7. ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
  8. ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ.

24 އޮކްޓޫބަރ 2020