ނޫސް ބަޔާން: ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

21/10/2020

ގއ.ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި، ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 37/P9C/2018 ޤަޟިއްޔާގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ގއ.ގެމަނަފުށީ ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތަކީ ގއ.ގެމަނަފުށީ ރުއްދޮށުގޭ އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ޙުކުމާހަމައަށް ބަޔާންކޮށްފައިވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަންކަމަށްވީއިރު، އެއީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާހިނދު، އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ނަންބަރު 2.4 އާއި، 3.1 އާއި، 6.4 އަދި 6.5 އާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލަކަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުއަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، 14 އޮކްޓޫބަރު 2020 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 75 ވަނަ ބައްދަލުވުމުގައި ނިންމިއެވެ.

21 އޮކްޓޫބަރ 2020