ނޫސް ބަޔާން: ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމި ނިންމުމާ ގުޅޭ

7/10/2020

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވި މިއަހަރުގެ 73 ވަނަ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް މިކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައަކާ ގުޅިގެން ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.5 އާއި، 3.1 އާއި، 3.2 އާއި، 6.1 އާއި، 6.2 އާއި، 6.4 އަދި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް އޭނާ ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީއާއި، ޤާޟީ އިބްރާހީމް ޢަލީގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް މިކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުޚުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައިއާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައި ނުވާކަން މިކޮމިޝަނުންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. 

އިސްވެދެންނެވުނު މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އެކޯޓުގެ ނަންބަރު 145-G(1220-2017)2018/35 ކޯޓު އަމުރު ހައިކޯޓުގެ ނަންބަރު 2018/HC-A/279 ޤަޟިއްޔާއިން 17 އޭޕްރީލް 2019 ދުވަހު ބާޠިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް،  އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން މިކޮމިޝަނުގެ ތަޚްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުނުކުރާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމާއި، އެންމެފަހުން ޤާޟީ އިބްރާހީމް ޢަލީ  އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2019 ގައިކަންވެސް ފާހަގަކުރެވެއެވެ. އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ  މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުޙަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ޙާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް މިކޮމިޝަންގެ ތަޚްޤީޤަށްވަނީ ފާހަގަކުރެވިފައެވެ.  

އިސްވެ ދެންނެވުނު މައްސަލައިގައި،  ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10) ގެ 25 ވަނަ މާއްދާގެ (ތ) އާ ޙަވާލާދީ، އެމާއްދާގެ (ލ) ގެދަށުން، އެމައްސަލަ ބެލި ތަޚްޤީޤު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.  

ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން މިއަދު ނިންމިއިރު، ޤާޟީ އިބްރާހީމް ޢަލީގެ އިތުރު 3 ސުލޫކީ މައްސަލައެއް މިކޮމިޝަނުން ދަނީ ތަޚްޤީޤުކުރަމުންނެވެ.

07 އޮކްޓޯބަރު 2020