ނޫސް ބަޔާން: ދިވެހިރާއްޖޭގެ ހައިކޯޓަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުން

4/10/2020

މިކޮމިޝަންގެ 68 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ފަދައިން، ސ.މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މިއަދު ވަނީ އައްޔަނުކުރައްވާފައެވެ. އެގޮތުން، މި ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ. މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ

ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު އަދާކުރެއްވި އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ ޤާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މިބޭފުޅާއަކީ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ބޭފުޅެކެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢު

އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ (އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރެއްވި އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ޤާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

04 އޮކްޓޫބަރ 2020