12 ޖޫން 2019 ގައި ބޭއްވި ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަން

12/6/2019

ކޮމިޝަންގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ. އަދި މިއަދުގެ ޖަލްސާގައި ކޮމިޝަނަށް އަލަށް އިންތިޙާބު ވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އަދި ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައެޅުއްވި މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޙިސާން ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީ، ކޮމިޝަންގެ މެމްބަރު އިބްރާހީމް ރިފްޢަތު، ކޮމިޝަންގެ މެމްބަރު ޢަބްދުރަޢޫފު އިބްރާހީމް، ކޮމިޝަންގެ މެމްބަރު މުޙައްމަދު އީސާފުޅު، ކޮމިޝަންގެ މެންބަރު ލަތީފާ ޤާސިމް އަދި ކޮމިޝަންގެ މެމްބަރު އަބްދުލްޙަންނާނު އަޙުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައި މިއަދު ނިންމާފައިވާ ކަންކަމަށް ބަލާއިރު މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މިގޮތުން ވަކިކުރަން ނިންމެވީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުއެވެ. މިއާއެކު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. ސަސްޕެންޑްކުރަން ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުއެވެ. މީގެ އިތުރުން ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކާ ގުޅިގެން، އެތަނުގެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާއެއް ބެލުމަށާއި ސެކްރެޓަރީ ޖެނެރަލަކު ނެގުމަށްޓަކައި އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ކްރައިޓީރިއާ ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.