ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ހަމަޖައްސަވައިފި

4/8/2016

ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް ބ.ކެންދޫ މޯރނިންގހައުސް، އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް އަދި ސިވިލްކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް  ބ.ކުޑަރިކިލު މާތިލަ، އަލްއުސްތާޛު ޢަބްދުﷲ ޢަލީ ހަމަޖެއްސުމަށް ޖުޑީޝަލް ސަރިވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން މި ދެކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް ދެ ބޭފުޅުން އައްޔަންކުރެެއްވީ އިއްޔެބޭއްވުނު ކޮމިޝަންގެ 40 ވަނަ ބައްދަލުވުމުގައި ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ވ) އާއި އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީން ކަނޑައެޅުމަށް ކޮމިޝަނުން އެކުލަވާލެވިފައިވާ ކޮމިޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާގައިވާ ގޮތުގެމަތިން މާކްސް ދީ، އިންޓަރވިއުކުރުމަށްފަހު، ކޮމިޝަނަށް ހުށަހެޅި ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަންގެ މެމްބަރުންގެ އިއްތިފާނުންނެވެ.