ހއ، ހދ، އަދި ށ. ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް ޚާއްޞަކޮށްގެން ސެމިނަރއެއް ފަށައިފި

28/4/2016

image-d8f2b79702ac5dfcb51abe0c3bb27b19ffe36d71d42084fbc88b56a6ef4b5502-V

ހއ، ހދ، އަދި ށ، ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް ޚާއްޞަކޮށް ހއ. ހޯރަފުށީގައި މިއަދު ސެމިނަރ އެއް ފަށައިފިއެވެ. މިއަދު ހެނދުނު މި ސެމިނަރ ފައްޓަވައި ދެއްވީ ކޮމިޝަންގެ ނައިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެމިނަރގައި މި ތިން އަތޮޅުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުން ބައިވެރިވެ ލައްވައެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެމިނަރގައި މެޖިސްޓްރޭޓުންނަށް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވާނީ ކޮމިޝަނުންގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބިނާވެފައި ހުންނަ މައިގަނޑު މައްސަލަތަކާ ގުޅިގެން އެފަދަ ކަންކަން ހައްލުކުރުމަށް ފަނޑިޔާރުންގެ މަސައްކަތް ބިނާކުރަންޖެހޭގޮތްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޢަދުލުގެ ނިޒާމުގައި ކުޑަކުދިންނާމެދު ޢަމަލުކުރުމަށް ހަދާފައިވާ އުސޫލުތަކާ ބެހޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން މި ސެމިނަރގައި މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންދަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސެމިނަރގައި ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދެއްވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލާއި، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުލްޙަންނާނު އަޙުމާދައި ކޮމިޝަންގެ ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒް މުޢުމިނާ އުމަރާއި އަދި އެސިސްޓެންޓް ޑިރެކްޓަރ ހިއުމަން ރިސޯސް އާމިނަތު ޝުރުފަތު އާދަމުއެވެ.