ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވައި މަޤާމުގެ ހުވާކުރައްވައި ފަތްކޮޅުދެއްވައިފި

14/4/2016

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވައި މަޤާމުގެ ހުވާކުރައްވައި ފަތްކޮޅުދެއްވައިފިއެވެ.

މިކަމަށްޓަކައި ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 3087 އަލްއުސްތާޛު ޢަލީ އާދަމާއި ހއ.ކެލާ ދެރަހަ އަލްއުސްތާޛު އާދަމް ޢާރިފެވެ. ސިވިލްކޯޓަށް ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ދަފްތަރު ނަންބަރު 2560 އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލާއި ސ.ފޭދޫ ބެލޫން އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ.

މި ރަސްމިއްޔާތުގައި މި ހަތަރު ބޭފުޅުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް ފަނޑިޔާރުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ލަޠީފާ ޤާސިމްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫޢުތަކާއި އާކަންތައްތައް ތަޢާރަފްވެގެން ދާއިރު ޝަރުޢީދާއިރާއަށްވެސް ބަދަލުތައް ގެންނަންޖެހޭކަމާ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުޢީ ދާއިރާގެ ތެރޭގައި ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސްކޮމިޝަނަކީ ވަރަށް ހަމަހިމޭންކޮށް އޮންނަތަނެއްކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަކުރައްވަމުން ގެންދަވާނެކަމަށާއި އެގޮތުން މިހާރުވެސް އެމަސައްކަތްތައް ފެށިގެން ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ.

އަދި މިފަހަރު ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެންބޭފުޅަކު ހިމެނިވަޑައިގަތުމަކީ އުފާފުޅުކުރައްވާކަމެއްކަމަށާއި ކުރިއަށް އޮތްތަނުގައި ފަނޑިޔާރުކަމަށް ގިނަ އަންހެންބޭފުޅުން ކުރިމަތިލެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.