ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް ޢައްޔަންކުރެއްވި 02 ބޭފުޅުން މަޤާމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް ފަތްކޮޅު ދެއްވައިފި

9/6/2015

ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް ޢައްޔަންކުރެއްވި 02 ބޭފުޅުން މަޤާމުގެ ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސައީދެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް ޢައްޔަންކުރައްވައި މިއަދު ހުވާކުރެއްވި ބޭފުޅުންނަކީ، ހ.ހަނދުވަރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި، ގއ.ވިލިނގިލި ހިލިހިލާގޭ އަލްއުސްތާޛު ޝުޖާޢު ޢުޘްމާނެވެ.

މި ރަސްމިއްޔާތުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ކޮމިޝަންގެ ރައީސާއި، ނާއިބުރައީސްގެ އިތުރުން ބައެއް މެންބަރުންނާއި، އެހެން ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި، ސުޕްރީމްކޯޓާއި ކޮމިޝަނުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

08 ޖޫން 2015