ސުޕީރިއާ ކޯޓްތަކަށް އަލަށް ޢައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ ހުވާކުރައްވައި އެބޭފުޅުންނަށް ފަތްކޮޅު ދެއްވައިފި

19/2/2015

ސުޕީރިއާ ކޯޓްތަކަށް އަލަށް ޢައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މި ކަމަށްޓަކައި ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސުޕީރިއާ ކޯޓުތަކަށް އަލަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސައީދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލް ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންނަކީ އަބަދުވެސް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ތަބާވާ ބައެއްކަމަށްވުމާއި، ފަނޑިޔާރުގެއަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާންޖެހޭނެކަމާއި އެކަން ޚާސިލްކުރުމަށްޓަކާ ހިތްވަރާ އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސުޕީރިއާ ކޯޓުތަކަށް އަލަށް ޢައްޔަންކުރައްވައި ރޭ ހުވާކުރެއްވި ބޭފުޅުންނަކީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުމާލޭ ގޯތި 06- 14 R އަލްއުސްތާޛު އަޙްމަދު ރަޝީދާއި ސިވިލްކޯޓުގެ ފަނޑިޔާރުކަމަށް ހދ.މަކުނުދޫ ޕިކެޑްލީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހީމާއި ގ.ފަރިދޫ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އާއި ޅ.ކުރެންދޫ ރީޙުއްޞަބާ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ނ.ވެލިދޫ އެލްޕާޝޯ އަލްއުސްތާޛު މުޙައްމަދު ޙަލީމެެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސިކިއުޓަރ ޖެނެރަލުގެ އިތުރުން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.