ކޯޓް އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފި

30/9/2014

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓުންގެ މަޤާމު ހުސްފައިވާ 43 މެޖިސްޓްރޭޓް ކޯޓެއްގެ 46 މަޤާމަކަށް މެޖިސްޓްރޭޓުން ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

އެގޮތުން އިޢުލާންކޮށްފައިވަނީ މެޖިސްޓްރޭޓުގެ 11 މަޤާމާއި ކޯޓް އިސްމެޖިސްޓްރޭޓްގެ 35 މަޤާމަށް ބޭފުޅުން ހޯދުމަށެވެ. މި މަޤާމުތަކަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރެއިން އަޚްލާޤާއި ސުލޫކު ރަނގަޅު މީހެއްކަމުގައި ބަލާނެ ޝަރުތުތަކާއި، އަދި ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތައް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ. ތަޢުލީމާއި ތަޖުރިބާގެ ޝަރުތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށެވެ. މިއީ ފަނޑިޔާރުންގެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑެވެ.

މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 15:00 ކުރިންނެވެ. މި މަޤާމަށް އެދޭ ފޯމާއި އިގްރާރު ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.