ކޮމިޝަނަށް ހުށަހަޅޭ ޝަކުވާތައް އަވަހަށް ބަލައި ނިންމުމަށްޓަކައި ދެ މެމްބަރެއްގެ ބެއްލެވުމުގެ ދަށުން ކޮމިޝަންގެ ލީގަލް ސެކްޝަން ކުރިއަށް ގެންދިއުމަށް ނިންމައިފި

19/8/2014

ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް މިހާރަށްވުރެ އަވަހަށް ބައްލަވައި ނިންމުމަށްޓަކައި ކޮމިޝަންގެ ޖުޑީޝަލް ކޮމްޕްލައިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުގެ ހިންގުން ދެ މެންބަރެއްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ނިންމަވައިފިއެވެ.

އެގޮތުން ޝަކުވާތައްބެލުން ހަލުވިކުރުމަށް ގެނެވުނު މި ބަދަލުތަކުގެ ތެރޭގައި ޖުޑީޝަލް ކޮމްޕްލައިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުގެ މައިގަނޑު މަސައްކަތްތައް 2 ބަޔަކަށް ބަހާލުމާއެކު، އެ ސެކްޝަނުން ބައްލަވާ ފުރަތަމަ މަރުހަލާގެ ދިރާސާތައް މެންބަރު އަލްއުސްތާޛު ޢަބްދުލް ހަންނާން އަޙްމަދުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށާއި، އެ ސެކްޝަނުން ކުރިއަށް ގެންދަވާ ތަޙްޤީޤްތައް މެންބަރު އަލްއުސްތާޛު މުޙައްމަދު ފައިސަލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމިއެވެ.