ކްރިމިނަލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ކޮމިޝަނުން ނިންމައިފި

24/7/2014

ކްރިމިނަލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފްގެ މައްޗަށް 22 ޖެނުއަރީ 2013 ގައި ތުހުމަތުކުރެވި ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ މި ޝަކުވާ ތަހުޤީޤު ކުރުމަށް، ކޮމިޝަނުން އެކުލަވާލެއްވި ތަހުޤީޤު ކޮމިޓީން އެމައްސަލަ ތަހުޤީޤުކުރުމަށް ފަހު، އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް، ކޮމިޝަނަށް ހުށަހެޅި ތަހުޤީޤު ނިމުނުގޮތުގެ ރިޕޯޓަށް ބެއްލެވުމަށް ފަހު، އެ ތުހުމަތުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ކާފީހެކި ލިބިފައި ނެތުމުންނެވެ. އަދި މި ޝަކުވާ ސާބިތު ނުވާކަމަށް ނިންމުމާ ގުޅިގެން އަލްއުސްތާޛް ޢަބްދުލްބާރީ ޔޫސުފް ވަގުތީގޮތުން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކޮމިޝަނުން ކުރިން ނިންމަވާފައިވާ ނިންމުން، ނިމުމަކަށް ގެނެސް އަލުން ވަޒީފާއަށް ނިކުންނެވުމަށް، ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފަށް ދެންނެވުމަށްވެސް ކޮމިޝަނުން މިއަދު ނިންމެވިއެވެ.