ނޫސްބަޔާން

20/7/2014

މިކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަމުންދާ އާންމު އުސޫލަކީ ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުން ކޮމިޝަންގެ ކޮންޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުން އެ ޝަކުވާއެއް ދިރާސާކުރުމަށްފަހު ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުމުން، އެ ހުށަހެޅުނު ރިޕޯޓަކާ މެދު މެމްބަރުން ބަހުޘްކުރައްވައި، އެ ޝަކުވާއަކީ އިތުރަށް ބަލައި ތަޙްޤީޤުކުރަންޖެހޭ ޝަކުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމެވެ. މިގޮތުން އެ ޝަކުވާއަކީ އިތުރަށް ބަލައި ތަޙްޤީޤުކުރަންޖެހޭ ޝަކުވާއެއްކަމަށް ކޮމިޝަނުން ނިންމަވައިފިނަމަ، އެ ޝަކުވާ އިތުރަށް ބަލައި ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީއަކާ ހަވާލުކުރުމެވެ.

ތަޙްޤީޤު ކޮމިޓީތަކުން ކޮމިޝަނަށް ހުށަހަޅާ ރިޕޯޓާމެދު ގޮތެއް ނިންމާނީ ކޮމިޝަންގެ ރަސްމީޖަލްސާއެއްގައި މެމްބަރުން އެރިޕޯޓާމެދު ބަހުޘްކުރެއްވުމަށް ފަހުގައެވެ. މިގޮތުން ކޮމިޓީން ހުށަހެޅުއްވި ރިޕޯޓް ކޮމިޝަނުން ބަލައިގެންފިނަމަ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތުގެ މަތިން ޝަކުވާރައްދުވާ ފަނޑިޔާރަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތަކާއެކު ރިޕޯޓުގެ ކޮޕީއެއް އެ ފަނޑިޔާރަށް އެރުވޭނެއެވެ. މިގޮތުން ދެވޭ 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ކޮމިޓީން ރިޕޯޓަށް ގެންނަންޖެހޭ ބަދަލުތަކެއްވާނަމަ އެބަދަލުތަކަކާއެކު ކޮމިޝަނަށް އަލުން ރިޕޯޓް ހުށަހެޅުން ކޮމިޝަނުން އެފަނޑިޔާރަކާމެދު ގޮތެއް ނިންމައެވެ.

މަތީގައި ބަޔާންކޮށްފައިވާ އުސޫލުން އަދި މިހާތަނަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙްތާޒު މުހްސިންގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެއްވެސް ޝަކުވާއެއް ނިންމާފައި ނުވާ ހިނދު، ރާއްޖެ ޑޮޓް އެމްވީންނާއި އަދި ރާއްޖެޓީވީން ޤާޟީ އަލްއުސްތާޛު މުޙްތާޒު މުހްސިންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާކަމަށްބުނެ ފަތުރާފައިވާ ޚަބަރަކީ ދޮގުޚަބަރެއްކަމަށާއި އެފަދަ ދޮގުޚަބަރެއް ފަތުރާފައިވާތީ އެކަމާމެދު ކޮމިޝަނުން ކަންބޮޑުވެ ހިތާމަކުރަމެވެ. އަދި މިއީ ޒިންމާދާރު ނޫސްވެރިކަމެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހަޤީޤީ ތެދު މަޢުލޫމާތު ފެތުރުމުގެ ބަދަލުގައި ރާއްޖެ ޑޮޓް އެމްވީންނާއި އަދި ރާއްޖެޓީވީން ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް މި ކޮމިޝަނުން ދެކެމެވެ. އަދި މިފަދަ ކަންތައްތައް މިގޮތަށް ނުކުރުމަށް ރާއްޖެ ޑޮޓް އެމްވީއާއި ރާއްޖެޓީވީއަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.